"ރަން އިން އައްޑޫ"ގެ މެއިން ސްޕޮންސަރަކަށް ކޮކާ ކޯލާ

"ރަން އިން އައްޑޫ" ދުވުމުގެ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް ކޮކާ-ކޯލާ ހަމަޖައްސައި، އެ ދުވުން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ޚަރަކާތުގެ ތެރޭން -- ފޭސްބުކް ފޮޓޯ: ޓީއެފްޖީ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓިއެފްޖީ) އިން އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވަމުންދާ "ރަން އިން އައްޑޫ" ދުވުމުގެ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް ކޮކާ-ކޯލާ ހަމަޖައްސައިފިއެވެ.

ޖުމުލަ 300 ބައިވެރީންނާއެކު ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވާ މި ދުވުމަކީ މާލޭން ބޭރުގައި ޓީއެފްޖީން ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ.

ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ލޯންގް ރަން"ގެ ވެސް މެއިން ސްޕޮންސަރު، ކޮކާ-ކޯލާ ކުންފުނިން "ރަން އިން އައްޑޫ" ދުވުމުގެ ހަރަކާތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ހޮނިހިރު ދުވަހު ހެނދުނު ރަސްފަންނުގައި ބޭއްވި ހަރަކާތެއްގައެވެ.

އައްޑޫ ލިންކުރޯޑުގައި ހިނގާ އެކްސިޑެންޓްތައް ހުއްޓުވުމަށް މި ހަރަކާތުގެ ތެރޭން ޚާއްސަ ކެމްޕޭނެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، "ރަން އިން އައްޑޫ" ލޯންޗުކުރުމަށް އިއްޔެ ރަސްފަންނުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ، ރަން އިން އައްޑޫގެ ޝިއާރެއްގެ ގޮތުގައި "ބްރޭކް ޔޯ ސްޕީޑް" ހަމަޖައްސައިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީން ވަނީ، މާލެވަށައި ދުވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

"ރަން އިން އައްޑޫ" ދުވުމުގެ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް ކޮކާ-ކޯލާ ހަމަޖައްސައި، އެ ދުވުން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ޚަރަކާތުގެ ތެރޭން -- ފޭސްބުކް ފޮޓޯ: ޓީއެފްޖީ

ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީ ވިދާޅުވީ، ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ރޫހު ދިރުވައި، ރައްޔިތުން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށް ކުރެވޭ މިފަދަ ހަރަކާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ކޮކާ ކޯލާއަށް ލިބުމަކީ އެކުންފުނިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޓީއެފްޖީގެ ޚަރަކާތްތައް މާލޭން ބޭރަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ރާއްޖޭގެ އެންމެ ދެކުނާ ހަމައަށް ވާސިލްވުމަކީ ކޮކާ-ކޯލާއިން މި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއްގެ ގޮތުގައި ވެސް މިލިންދު ފާހަގަކުރެއްވިއެވެ.

"ރަން އިން އައްޑޫ"ގެ މެއިން ސްޕޮންސަރަކަށް ކޮކާ ކޯލާ އިއްޔެ ހަމަޖެއްސި އިރު، މީގެ ކުރީން ވަނީ އެ ދުވުމުގެ ޕާޓުނަރުންގެ ގޮތުގައި ގައުމީ އެއަރލައިން މޯލްޑިވިއަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު ވެސް ސޮއިކޮށްފައެވެ. އަދި މީގެ އިތުރުން އެ ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ގަން އިންޓަރ ނޭޝަނަލް އެއާޕޯޓް، ސޮނީ ސްޕޯޓްސް، މިހާރު އަދި ޕްރިންޓް ލެބް ވެސް ހަމަޖައްސާފައިވެއެވެ.

"ރަން އިން އައްޑޫ"ގެ ނަމުގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ޓީއެފްޖީގެ ސީއީއޯ ޒިނާން ވިދާޅުވީ، މިއީ މިފަދަ ބޮޑު ދުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށާއި ދުވުމުގައި ދުވުމުގެ ބައިވެރީން 42 ކިލޯ މީޓަރުގެ ސަރަހައްދަކަށް ދުވާނެ ކަމަށެވެ.

ޖުމުލަ ހަތަރު ބައެއް ހިމެނޭ ދުވުން އައްޑޫގައި ކުރިއަށްގެންދާއިރު އެ ދުވުމުގެ ތެރެއިން އައްޑޫގެ ރީތިކަމާއި އައްޑޫގެ ސަގާފަތް އެންމެ ފުރިހަމައަށް ފެންނާނެހެން ގިނަ ކަންތަތައް ތަކެއް ކުރުމަށް ރާވާފައިވާކަމަށް ޒިނާން ވިދާޅުވިއެވެ.

ރޭހާ ގުޅުވައިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހާއްސަ އެކްސްޕޯއެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވުމުގެ ހަވާސާގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަ ހިނގާލުމެއްގެ އިތުރުން 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ދުވުމެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް