ލޭ ތިއްކަކުން ހަށިގަނޑުގައި ކެންސަރު ހުރިކަން ދެނެގެނެވޭނެ ޓެކްނޮލޮޖީއެއް ޖަޕާނުން އީޖާދުކޮށްފި

ހަށިގަނޑުގެ އެންމެ ލޭތިއްކެއް ޓެސްޓް ކޮށްގެން ހަށިގަނޑުގައި ކެންސަރު ހުރިކަން ދެނެގެނެވޭނެ ޓެކްނޮލޮޖީއެއް ޖަޕާނުގެ ސައެންސްވެރިން ތަރައްގީކޮށްފި އެވެ.

ޖަޕާނުގައި އިނގިރޭސިބަހުން ނެރޭ ނޫހެއްކަމަށްވާ "ޖަޕާން ނިއުޒް" ބުނާ ގޮތުން މިއީ އިންސާނުންގެ ހަށިގަނޑުގައި ކެންސަރު ހުރިކަން ދެނެގަތުމަށް ޓަކައި މިހާތަނަށް އިޖާދު ކުރި އެންމެ ފެންވަރުމަތީ ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ޖަޕާނުގެ ސައެންސްވެރިންނަށް އެގައުމުގެ އެތަށް ކުންފުންޏަކުން އެހީތެރި ވެދީފައިވެ އެވެ. މި ޓެކްނޮލޮޖީ ތަރައްގީކޮށްފައި ވަނީ އެތައް އަހަރެއްގެ ތަޖްރިބާއާއި ރީސާޗްގެ އެހީގަ އެވެ.

ލޭގެ މިޓެސްޓް ކުރާއިރު ކެންސަރު ހުރިކަން ދެނެގަންނަނީ ހަށިގަނޑުގައިވާ މާއްދާއެއް ކަމަށްވާ (miRNA) ގައިވާ ތަފާތުތައް ދެނެގަނެގެންނެވެ. މިއީ ހަށިގަނޑުގައި ކެންސަރު ސެލްތައް ހުރި ނަމަ އެސެލްތަކާއި ރަނގަނޅު ސެލްތަކާ ގުޅިގެން އުފައްދާ މާއްދާއެއް ކަމަށްވެ އެވެ. ހަށިގަނޑުގައި ކެންސަރު ސެލްތައް ހުރި ނަމަ މިމައްދާ ހުންނަ ގޮތާއި ކެންސަރު ސެލްތައް ނެތް ނަމަ މިމާއްދާ ހުންނަގޮތް ވަރަށް ތަފާތުކަމަށާއި ކެންސަރު ސެލްތައް ހަށިގަނޑުގައިވާކަން ނުވަތަ ނޫންކަން ދެނެގަންނަނީ މިތަފާތުގެ އެހީގައި ކަމަށް "ޖަޕާން ނިއުޒް" ގައިވާ ރިޕޯޓެއް ބުނެ އެވެ.

މިރިޕޯޓް ބުނާގޮތުން ލޭގެ މިޓެސްޓްކޮށްގެން ތޭރަ ވައްތަރެއްގެ ކެންސަރު ސެލް ހަށިގަނޑުގައި ހުރިކަން ވަރަށް ސާފުކޮށް އޮޅުމެއްނެތް ގޮތަށް ދެނެގަނެވޭނެ އެވެ. މިޓެސްޓުން ދެނެގަނެވޭ ކެންސަރު ސެލްތަކުގެ ތެރޭގައި ލިވާ ކެންސަރާއި އުރަމަތީ ކެންސަރާއި ގޮހޮރުގެ ކެންސަރާއި މައިދާގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ރަހިމުގެ ކެންސަރާއި ފުރަގަސްފަރާތުގެ ކެންސަރާއި ޕެންކްރިޔަސްގެ ކެންސަރާއި ކަރާއި އަނގައިގެ ކެންސަރާއި ހަމުގެ ކެންސަރުފަދަ ކެންސަރުގެ ވައްތަރުތައް ހިމެނެއެވެ. މިޓެސްޓުގެ ޔަގީންކަން 95 ޕަސެންޓަށް ވުރެ މަތިކަމަށްވެ އެވެ.

ހަށިގަނޑުގައި ކެންސަރު ހުރިކަން ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓްތައް މިހާރު ވެސް ކުރެ އެވެ. ނަމަވެސް ޖަޕާނުން ތަރައްގީކޮށްފައި މިވަނީ މިހާރު ބޭނުންކުރާ ލޭގެ ޓެސްޓްތަކަށްވުރެ މާ އިތުބާރު ބޮޑު މާ ފުޅާދާއިރާއެއްގައި މާގިނަ ވައްތަރުގެ ކެންސަރުތައް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޓެސްޓެއްކަމަށް ވެ އެވެ. ޖަޕާނުގެ ކެންސަރާބެހޭ ގައުމީ މަރުކަޒުން މިހާރު ވަނީ މިޓެސްޓް އިތުރަށް ތަޖްރިބާކުރަން ފަށައިފަ އެވެ. މިތަޖްރިބާތައް ނިމުމާ އެކު ކެންސަރަށް ޓެސްޓް ކުރުމަށް ޓަކައި ލޭގެ މިޓެސްޓް ބޭނުންކުރުމުގެ ހުއްދަ ޖަޕާނުގެ ކަމާބެހޭ އިދާރާއިން ރަސްމީ ސިފައެއްގައި ދޭނެ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަށިގަނޑުގައި ކެންސަރު ހުރިކަން ކުރީކޮޅު ދެނެ ނުގަނެވުމެވެ. ގިނަފަހަރު ކެންސަރުހުރިކަން އެނގެނީ ކެންސަރު ޖެހިފައި ހުންނަތާ އެތައް އަހަރެއްވެ ކެންސަރުގެ ދެވަނަ ނުވަތަ ތިންވަނަ ސްޓޭޖްގަ އެވެ. ފަހުގެ މަރްހަލާއެއްގައި ކެންސަރު ހުރިކަން އެނގޭއިރު ކެންސަރު ހުންނަނީ ފަރުވާކޮށްގެން ފަސޭހަވާ ވަރަށްވުރެ ބޮޑަށް ހަށިގަނޑަށް ފެތުރިފަ އެވެ. ނަމަވެސް ޖަޕާނުން އިޖާދުކުރި މިއައު ޓެކްނޮލޮޖީއާއެކު މިމައްސަލަ ހައްލުވެ ކެންސަރަށް ފަރުވާ ކުރުމުގައި މިހާތަނަށް ނުލިބޭފަދަ ކުރިއެރުމެއް ލިބޭނެކަމަށް "ޖަޕާން ނިއުޒް" ގައިވާ ރިޕޯޓް ބުނެ އެވެ. (ޖަޕާން ނިއުޒް)

comment ކޮމެންޓް