100 ކުރޯޑް ހޯދި އަކްޝޭގެ އަށް ވަނަ ފިލްމަކަށް 'ޓޮއިލެޓް'

ހަފްތާއެއްގެ ތެރޭގައި އަކްޝޭ ކުމާރުގެ ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' އިން 100 ކުރޯޑްގެ އާމްދަނީއެއް ހޯދައިފި އެވެ.

'ޓޮއިލެޓް' އަކީ ގިނަ އަދަދެއްގެ ފްލޮޕް ފިލްމުތަކަކަށް ފަހު ރިލީޒް، ރަނގަޅު ފިލްމެއްގެ އިންތިޒާރުގައި ތިބި އޯޑިއެންސަށް ލިބިގެން ދިޔަ ހަދިޔާ އެކެވެ.

އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުން ހާމަ ތަންތަނުގައި ފާޚާނާ ކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި މައްސަލަތަކުގެ އިތުރުން އެ ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމަށް މިހާތަނަށް 100.05 ކުރޯޑް ރުޕީޒް ވަނީ ލިބިފަ އެވެ.

ޓްރޭޑް އެނަލިސްޓް ތާރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ފިލްމަށް ހަތަރު ކުރޯޑް ލިބިފައިވާ ކަމަށާއި، އެއާ އެކު ފިލްމުގެ އާމްދަނީ 100 ކުރޯޑަށް އަރައިފައިވާ ކަމަށެވެ.

މިއީ 100 ކުރޯޑްގެ އާމްދަނީއެއް ހޯދި އަކްޝޭގެ އަށް ވަނަ ފިލްމެވެ. ސަތޭކަ ކުރޯޑްގެ އެންމެ ގިނަ އަދަދެއްގެ ފިލްމު ކުޅެފައި ވަނީ ސަލްމާން ޚާން އެވެ. އެއީ 11 ފިލްމެވެ. ލިސްޓުގެ ދެވަނަ ލިބެނީ އަކްޝޭ އަށެވެ.

'ޓޮއިލެޓް' އަކީ އިންޑިއާގެ ބޮޑުވަޒީރުގެ "ސްވަޗް ބާރަތު" ކެމްޕެއިންގެ ބައެއް ކަމަށް ބުނެ ފާޑުކިޔުންތައް ލިބެމުން ދިޔަ ނަމަވެސް، ފިލްމަށް ލިބެމުން އަންނަ ތަރުހީބު ކުޑައެއް ނުވެ އެވެ.

ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި އަކްޝޭ އާ އެކު ލީޑު ރޯލުން ފެނިގެން ދާނީ ބޫމީ ޕެދްނޭކަރު އެވެ.

comment ކޮމެންޓް