ރައީސް ޔާމީންގެ ތަރައްގީގެ ފޯކަސް ގުޑުވައެއް ނުލެވޭނެ: ޠާރިޤު

ދިއްގަރުގެ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަރިހުގައި މިނިސްޓަރު ޠާރިގް --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީންގެ އަމާޒު އަބަދުވެސް ހުންނާނީ ތަރައްގީއަށް ކަމަށާއި އެ އަމާޒު ގުޑުވައެއް ނުލެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޠާރިޤު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ކުރެވިފައި ނުވާވަރުގެ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތަކެއް މި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް އަސާސީ ހިދުމަތްތަކަށް ޕްރޮޖެކްޓުތަކެއް ހިންގުމަށް ފައިސާ ހޯދަން އުޅޭއިރު އެކަމަށް ދަތިކުރުމަށް ބަޔަކު މަސައްކަތްކޮށް ނުބައި މައުލޫމާތު ފަތުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށްޓަކައި ހިންގާ އެފަދަ ޕްރޮޖެކްޓުތަކަށް ދަތިނުވާނެ ގޮތަކަށް އެންމެން ވެސް މަސައްކަތް ކުރުމަށް ގޮވާލައްވައި މިނިސްޓަރު ވަނީ، ސަރުކާރާއެކު މަސައްކަތްކޮށް މިހާރަށްވުރެ އަވަހަށް ގައުމަށް ތަރައްގީ ގެނައުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު އަރުވައިފައެވެ.

"ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަންތައްތައް ފަސޭހަ ކޮށްދޭން އިދިކޮޅު ފަރާތްތަކުން ވެސް މަސައްކަތް ކޮށްދީ. އަޅުނގަޑުމެން މަސައްކަތް ކުރާތީ އުދަނގޫ ކުރުމުގެ ބަދަލުގައި އެކަންކަން ފަސޭހަ ކޮށްދީފިނަމަ އެންމެންނަށް ފަސޭހަ ވެގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޠާރިޤު ވަނީ މަސައްކަތް ކުރަން ދަންނަ ބައެއްގެ އަތްމައްޗަށް މަސައްކަތްތައް ދޫކޮށްލާފައި އެކަންތައްތަކަށް އުދަނގޫ ކުރުމުގެ ގޮތްތައް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފައެވެ.

އަދި ވިދާޅުވީ، "ރައީސް ޔާމީންގެ ފޯކަސް އަބަދުވެސް ހުންނާނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީއަށް. އިދިކޮޅު ފަރާތްތަކަކަށް އެ ފޯކަސް ގުޑުވައެއް ނުލެވޭނެ. މި ސަރުކާރުން ތަރައްގީ ގެންނާނެ،" ކަމަށެވެ.

comment ކޮމެންޓް