ކެރިޗްގެ ލަނޑުން މިލަންދޫ އަތުން ވަރުގަދަ މާޒިޔާއަށް ހަނި މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މިރޭގެ މެޗުގައި ށ. މިލަންދޫ އަތުން މާޒިޔާ މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކެރިޗް އަންދްރޭޖް ކާމިޔާބުކޮށްދިން ލަނޑުން ށ. މިލަންދޫ އަތުން ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މިލަންދޫގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 1-0 ލަނޑުގެ ހަނި ތަފާތަކުންނެވެ.

ތާވަލުގެ އެއްވަނާގައި މާޒިޔާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. މާޒިޔާގެ ފަހަތުގައި ވިއްދާފައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި މިލަންދުއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ކީޕަރު މުހައްމަދު އިމްރާން ބަލަހައްޓަމުންދިޔަ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި މާޒިޔާއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އާއި ކެރިޗް އަދި އިސްމާއިލް އީސާ (މެސީ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފު ފެށިތަނާހެން މިލަންދުއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން މުހައްމަދު ޒަމީރު ފޮނުވާލި ބާރު ހަމަލާ، އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ހަމަލާއަށްފަހު މެޗުގެ 60 ވަނަ މިނެޓުގައި ވެސް މިލަންދުއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިޝާން އިބްރާހިމް ފޮނުވާލި ހަމަލާ، ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފައެވެ.

ހަމަލާތަކަކަށްފަހު އެ ޓީމަށް ކެރިޗް ލީޑު ހޯދައިދިނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ކެރިޗް އެ ލަނޑު ކާމިޔާބުކުރީ އަޝްއަދު އަލީ (އަޑުބަރޭ) ދިން ބޯޅައަކުން މިލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ލީގު މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ޓީސީއާއި ށ. މިލަންދޫ ބައްދަލުކުރާއިރު، އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދޫއެވެ.

comment ކޮމެންޓް