ކަމަދޫ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފި

އަހްމަދު ސާޖިދު ----

ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސާޖިދު ކާމިޔާބު ކޮށްފި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވީ އެ ކައުންސިލްގެ ނައިބު ރައީސް ކަމުގައި ހުންނެވި އަލީ މައުސޫމް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ގޮނޑި ހުސްވުމުން މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވާދަކޮށްފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

މިއަދު ބޭއްވި އިންތިހާބުގައި ވޯޓު ލުމަށް ބަހައްޓާފައިވަނީ ދެ ފޮށްޓެވެ. އެއީ ކަމަދޫގައި ބެހެއްޓި ފޮށްޓާއި މާލޭގައި ބެހެއްޓި ފޮށްޓެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް، އަހްމަދު ސާޖިދު އަށް ލިބިފައިވަނީ ޖުމްލަ 169 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު އަލީ ނާއިޒަށް ލިބިފައިވަނީ 142 ވޯޓެވެ.

ކަމަދޫގައި ބަހައްޓާފައި ހުރި ފޮށިން އެމްޑީޕީގެ ކެންޑިޑޭޓަށް 119 ވޯޓު ލިބިފައިވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 84 ވޯޓެވެ. އަދި މާލޭގައި ބަހައްޓާފައި ހުރި ފޮށިން އެމްޑީޕީގެ ކެންޑިޑޭޓަށް 51 ވޯޓު ލިބިފައިވާއިރު، އެ ފޮށިން ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 58 ވޯޓެވެ.

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި 338 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، ވޯޓުލާފައި ވަނީ 315 މީހުންނެވެ.

comment ކޮމެންޓް