ޓައިވާނުގެ ރިޔާސީ ގަނޑުވަރުގެ ގާޑަކަށް ކަނޑިއަކުން ހަމަލާ ދީފި

ޓައިވާނުގެ ރިޔާސި ގަނޑުވަރުގެ ގާޑަކަށް ކަނޑިއަކުން ހަމަލާ ދިން މީހާ ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: އޭއެފްޕީ

ޓައިޕޭ (އޮގަސްޓް 19): ޓައިވާނުގެ ރިޔާސީ ގަނޑުވަރުގެ ގާޑަކަށް ކަނޑިއަކުން ހަމަލާދިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ލޫ ނަމަކަށް ކިޔާ އެމީހާ ބޭނުން ކުރި ކަނޑިއަކީ ދާރުލް އާސާރަކުން ވަގަށް ނަގާފައިވާ ކަނޑިއެކެވެ. އެ ކަނޑީގެ އިތުރުން އޭނާގެ އަތުގައި ޗައިނާގެ ދިދަައެއްވެސް އޮތް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޓައިވާނުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގައިވާ ގޮތުން ލޫ މަސައްކަތް ކުރީ ރައީސްގެ އޮފީހަށް ވަދެ، އޭނާގެ ސިޔާސީ ހިޔާލު ފާޅު ކުރަން ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ހަމަލާދިން ގާޑަކީ އޭނާ ރިޔާސީ ގަނޑުވަރަށް ވަންނަން މަސައްކަތް ކުރުމުން ހުއްޓުވި ގާޑެވެ.

އެހާދިސާގައި އަނިޔާވި ގާޑުގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޓައިވާނަކީ އަމިއްލަ ވެރިކަމެއް އޮތް ސަރަހައްދަކަށްވީ ނަމަވެސް ޗައިނާއިން ދެކޭ ގޮތުގައި އެއީ ވަކިވެގަނެގެން އުޅޭ އެގައުމުގެ ޕްރޮވިންސެކެވެ. އަދި ޓައިވާނަކީ ވަކި ގައުމެއް ކަމަށް ދެކި، އެގައުމާ ހާރިޖީ ގުޅުންތައް ދަމަހައްޓަމުން ދަނީ ދުނިޔޭގެ އެންމެ 20 ގައުމުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް