ވިއްސާރައިގެ ސަބަބުން އިންޑިއާ، ނޭޕާލް އަދި ބަނގުލަދޭޝްއިން 400 މަރު

އިންޑިއާގެ އައްސާމުގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ކުޑަކުދިންނަށް ބޭސް ފޯރުކޮށްދެނީ -- ފޮޓޯ: އީޕީއޭ

ނިއު ދިއްލީ (އޮގަސްޓް 19): އިންޑިއާ، ނޭޕާލް އަދި ބަނގުލަދޭޝްއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެގައުމުތަކުން މަރުވި މީހުންގެ އަދަދު 400 އަށް ވުރެ އިތުރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނި ގޮތުގައި ފާއިތުވި ހަތް ދުވަސް ތެރޭގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 239ށް އަރާފައިވާ އިރު، ނޭޕާލް އިން 128 މީހަކާއި ބަނގުލަދޭޝް އިން އިތުރު 39 މީހަކު މަރުވެފައިވެ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ)ން ބުނި ގޮތުގައި އިންޑިއާ، ނޭޕާލް އަދި ބަނގުލަދޭޝްގައި ވިއްސާރައިގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު 16 މިލިއަނަށް އަރަ އެވެ.

އެގޮތުން ބަނގުލަދޭޝް އާއި ނޭޕާލްގެ ތިން ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ އިރު، އިންޑިއާގެ ހަތަރު ސްޓޭޓެއްގެ 11 މިލިއަން މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަަމަށް އައިއެފްއާރުސީގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްތަރު މާޓިން ފޯލާ ވިދާޅުވި އެވެ. އިންޑިއާގައި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އައްސާމާއި ބިހާރު ހިމެނެ އެވެ.

މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް މީހުން ގެދޮރު ނެތިފައިވާ ކަމަށާއި އޭގެ ސަބަބުން ކާނާ ނުލިބުމާއި ބަލިތައް ފެތުރި ދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އައިއެފްއާރުސީން ބުންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް