ގަތަރު ހައްޖުވެރިންގެ ރައްކާތެރިކަމާ މެދު ގަތަރުން ކަންބޮޑުވުން ފާޅުކޮށްފި

ދަވްޙާ (އޮގަސްޓް 19) : މި އަހަރުގެ ހައްޖުގެ ފަރުޟު އަދާކުރުމަށް ޓަކައި ސައޫދީ އަރަބިޔާއަށް ދާ ގަތަރުގެ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވާކަން ގަތަރުން ހާމަކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އާލްޘާނީ ވިދާޅުވީ ގަތަރުގެ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ގަތަރުގެ އަވްގާފާއި އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކުރާ އެއްވެސް ސުވާލަކަށް ސައޫދީ ސަރުކާރުން ޖަވާބު ނުދޭކަމުގަ އެވެ. އަދި ސައޫދީ ބައެއް އާންމުންގެ ފަރާތުންނާއި ހައްޖުގެ ކަންކަމާގުޅޭ ސައޫދީ ބައެއް މަސްއޫލުވެރިންގެ ފަރާތުން ގަތަރުގެ ހައްޖުވެރިންނަށް ހަރުކަށި މުއާމަލާތްތަކާ ކުރިމަތިވެ އެމީހުންނަށް ބަދުބަސްތައް ރައްދު ކުރާކަމުގެ މައުލޫމާތު އެމީހުން އެމީހުންގެ އާއިލާތަކާ ފޯނުންގުޅައި ހިއްސާ ކޮށްފައިވާ ކަމަށް ވެސް ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ސައޫދީ އާއި ގަތަރާ ދެމެދު ގުޅުންތައް ގޯސްވުމާ ގުޅިގެން ގަތަރުގެ ރައްޔިތުން އެއްގަމު މަގުންނާއި ވައިގެ މަގުން ސީދާކޮށް ހައްޖަށް ދިޔުމުގެ ފުރުސަތަށް ސައޫދީ ސަރުކާރުން އެންމެ ފުރަތަމަ ހުރަސްއެޅީ ވެސް ސިޔާސީ ބޭނުމެއްގައި ކަމަށް ގަތަރުންވަނީ ސިފަކޮށްފަ އެވެ. އަދި އެކަމާގުޅިގެން ހައްޖުގެ ކަންކަން ވެސް ސިޔާސީ ކަމަށް ހަދަމުން ގެންދާކަމުގެ ތުހުމަތު ގަތަރު ސަރުކާރުންނާއި ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ސައޫދީ ސަރުކާރުގެ މައްޗަށްވަނީ ކޮށްފަ އެވެ. ގަތަރު ރައްޔިތުންނަށް ހައްޖަށް ދިޔުމުގެ އެފުރުސަތު ފަސޭހަކުރުމަށް ޓަކައި އެއްގަމު ބޯޑަރު ހުޅުވާލައި ސީދާގޮތެއްގައި ވައިގެ މަގުން ހައްޖަށް ދިޔުމުގެ ފުރުސަތު ގަތަރުގެ ހައްޖުވެރިންނަށް ދިނުމަށް ސައޫދީ ރަސްގެފާނު އެންމެފަހުން ނިންމެވީ މި ފާޑުކިޔުންތައް ސައޫދީ އިސްވެރިންނަށް އަމާޒުވެ އެބޭފުޅުން ލަދުވެތިވެ ވަޑައިގަތުމުގެ ސަބަބުން ކަމަށް ގަތަރުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފަ އެވެ.

މިއާ އެކު ސައޫދީގެ ހަރުކަށި ނިންމުން ކުއްލި ގޮތަކަށް ބަދަލުކޮށް ގަތަރުގެ ހައްޖުވެރިންނަށް އެއްގަމު މަގުން ސައޫދީ އަށް ވަނުމުގެ ފުރްސަތު ސައޫދީ ރަސްގެފާނު ދެއްވީ ސިޔާސީ ބޭނުމެއްގައި ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އާލްޘާނީ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގަތަރުގެ އެތައް ސަތޭކަ ހައްޖުވެރިންނެއް މިހާރުވަނީ އެއްގައުމު މަގުން ސައޫދީ އަށް ގޮސްފަ އެވެ. އެއްގަމު މަގުން ގަތަރުގެ ހައްޖުވެރިން ސައޫދީ އަށް ވަނުމުގެ ފުރްސަތު ދެއްވުމުގެ އިތުރުން ގަތަރުގެ ރައްޔިތުން މިއަހަރު ހައްޖަށް ދިޔުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ވެސް ސައޫދީ ރަސްގެފާނުގެ އެހީގައި ހިންގާ ހައްޖާއި އުމުރާގެ ޕްރޮގްރާމުގެ ދަށުންކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ގަތަރުގެ ހައްޖުވެރިން ބުނެފައި ވަނީ އެމީހުންނަކީ ހައްޖުގެ ކަންކަމަށް ޚަރަދު ކުރުމުގެ ތަނަވަސްކަން ލިބިފައިވާ ބައެއްކަމަށްވާތީ ހައްޖަށް ދިޔުމަށް ސައޫދީ ރަސްގެފާނުގެ ދެއްވާ ހިލޭ އެހީ ބޭނުންނުވާ ކަމުގައެވެ. އަދި ސައޫދީ ރަސްގެފާނުގެ ހިލޭ އެހީ ޔަމަން، ސޫރިޔާ، ސޮމާލިޔާ، ފަލަސްތީނު އަދި ސޫދާން ފަދަ ފަގީރު ގައުމުތަކުގައި ހައްޖަށް ދެވޭފަދަ ތަނަވަސްކަން ނެތްމީހުންނަށް ދިނުން މާއައުލާކަން ބޮޑުވާނެކަމަށް ބުނެ ގަތަރުގެ ހައްޖުވެރިން ހިތްހަމަނުޖެހިގެން ބަޔާންތައް ދީފައިވެ އެވެ.

ގަތަރަކީ ސައޫދީ އަށްވުރެ ހަތަރު ގުނަ މުއްސަނދި ގައުމެކެވެ. ގަތަރު ރައްޔިތެއްގެ ބޮލަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 142،000 ޑޮލަރުގެ އާމްދަނީއެއް ޖެހޭއިރު ސައޫދީއަށް ލިބޭ ގައުމީ އާންދަނީން ސައޫދީ ރައްޔިތެއްގެ ބޮލަށްޖެހެނީ އެވްރެޖްކޮށް އަހަރަކު ސާޅީސް އެއްހާސް ޑޮލަރެވެ.

އެއްގަމު މަގުން ގަތަރުގެ ހައްޖުވެރިން ސައޫދީ އަށް ވަނުމުގެ ފުރުސަތު ދިނުމަށާއި ރަސްގެފާނުގެ ޚާއްސަ އެހީގެ ދަށުން ހައްޖަށް ދިޔުމުގެ ފުރްސަތު ގަތަރުގެ ހައްޖުވެރިންނަށް ދިނުމަށް ސައޫދީ ރަސްގެފާނު ނިންމީ ސައޫދީ ވަލީ އަހްދު އަދި ރަސްގެފާނުގެ ނައިބު މުހައްމަދު ބިން ސަލްމާން، ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށްވާ އަބްދުﷲ ބިން އަލީ ބިން އަބްދުﷲ ބިން ޖާސިމް އާލްޘާނީ އާ އެކު މިދިޔަ ބުދަދުވަހު ބޭއްވެވި ޚާއްސަ ބައްދަލުވުމަކަށް ފަހުގަ އެވެ.

ޝައިޚް އަބްދުﷲ ބިން އަލީ އަކީ ގަތަރުގައި ވެރިކަންކުރާ އާލްޘާނީ އާއިލާގެ އަނެއް ފަޅީގެ ބޭފުޅެކެވެ. އެއީ ގަތަރުގައި މިހާރު ވެރިކަންކުރާ ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ އާއިލާއާ ދެބޭންގެ ދެދަރި އާއިލާއެކެވެ.

ނަވާރަސަތޭކަ ހަތްދިހަ ހަތްދިހަ ހަތަރުވަނަ އަހަރު، ޝައިޚް އަބްދުﷲ ބިން އަލީގެ އާއިލާގެ ވެރިކަން ފޮރޮޅާލުމަށް ފަހު ވެރިކަން އަތުލެއްވީ ގަތަރުގެ ޝާހީ ގަނޑުވަރުގައި ގެންނެވި ލޭއޮހޮރުވުމެއްނެތް އިންގިލާބެއްގައި ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ބިން ޚަލީފާ އާލްޘާނީގެ ކާފަ، ޝައިޚް ޚަލީފާ ބިން ހަމަދު އާލްޘާނީ އެވެ. ޝައިޚް އަބްދުﷲ ބިން އަލީ އާ ސައޫދީ ވަލިއުލް އަހްދު މުހައްމަދު ސަލްމާން ބައްދަލުކުރެއްވުމަށް ފަހު ގަތަރުގެ ހައްޖުވެރިންނަށް ސައޫދީ ބޯޑަރު ހުޅުވާލަން ނިންމެވީ ޝައިޚް އަބްދުﷲ ބިން އަލީގެ އާއިލާއަކީ ގަތަރުގެ މިހާރުގެ އަމީރުގެ އާއިލާއާ ވެރިކަމުގެ ވާދަވެރިކަން އޮންނަ އާއިލާއަކަށްވެފައި އަބްދުﷲ ބިން އަލީ އަށް ގަތަރު ރައްޔިތުންގެ ތާއީދު ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުންކަމަށް ގަތަރުގެ ސަރުކާރުން ތުހުމަތު ކުރެއެވެ. އަދި އެއީ ގަތަރުގެ ހަގީގީ ވެރިންނަކީ ޝައިޚް އަބްދުﷲ ބިން އަލީއާލްޘާނީ ގެ އާއިލާ ކަމަށް ސައޫދީ ސަރުކާރުން ދެކޭތީ ކަމަށާ މައްސަލަ ސިޔާސީ ވަނީ އެހެންވެގެންކަމަށް ގަތަރު ސަރުކާރުން ތުހުމަތުކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު