ވެރިކަން ވައްޓައެއް ނުލެވޭނެ، އެކަމުގެ ތަޖުރިބާ ހުރި މީހުން ތިބީ ޕީޕީއެމްގައި: ޝަރީފް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ޝަރީފް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު މިއޮތް ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށާއި އެކަމުގެ ތަޖުރިބާ ހުރި މީހުން ތިބީ ސަރުކާރުގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުވާމު 2" ޖަގަހައިގާ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް އެގޮތަށް ވިދާޅުވީ، ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަށް އަތް ދިއްކުރައްވަ އެވެ.

ރޭގެ ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ބައެއް ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) އާއި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ހިމެނިވަޑައިގަންނަވަ އެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެ ޕާޓީ ބަލި ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ފެންނަމުންދާ މަންޒަރުތަކުން ބަލިކުރެވިދާނެ މަންޒަރުތަކެއް ނުފެންނަ ކަމަށާއި މިހާރު މިއޮތް ވެރިކަން ވައްޓައެއް ވެސް ނުލެވޭނެ ކަމަށެވެ.

"އަޅުނގަޑުމެންގެ ވެރިކަމެއް ވައްޓައެއް ނުލެވޭނެ. ވެރިކަން ވައްޓާލިއަކަ ނުދޭނަން. ތަޖުރިބާ ލިބިފައި ތިއްބެވި ބޭފުޅުން މިތިއްބެވީ. މިބޭފުޅުން ގެންގޮސްގެން އެކަން ވާނީ. މިބޭފުޅުންދާކަށް ތައްޔާރެއް ނޫން. ކާމިޔާބުކަމާ އެކު އެކަން ކޮށްފައި ވެސް އޮންނާނީ އަޅުނގަޑުމެން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފުގެ ވާހަކަފުޅުގައި އިދިކޮޅުގައި މިހާރު ތިއްބެވި އިސް ލީޑަރުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ނުސީދާ ގޮތެއްގައި ފާހަގަކޮށް އިދިކޮޅު ފަރާތްތަކަށް ވަނީ ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އިދިކޮޅު ފަރާތްތައް އެކުވެގެން ވެސް ރައީސް ޔާމީނާ ވާދައެއް ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީނާ ވާދަ ކޮށްލާނެ ރިޔާސީ ކެނޑިޑޭޓެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ރިޔާސީ ކެނޑިޑޭޓެއް އަޅުނގަޑުމެންނާ ވާދަކޮށްލާނެ މީހަކު ނެތް. ކަރުދާސްކޮޅު ލިބުނީމާ އަޅުނގަޑުމެންނަށް ފެންނަނީ ރައީސް ޔާމީން، ދެވަނަ ތަން ބްލޭންކް، ތިން ވަނަ ތަން ބްލޭންކު އަދި ހަތަރު ވަނަ ތަން ވެސް ބުލޭންކު. ކިހިނެތްތޯ ޕެޓްރޯލާއި އަލިފާނާއި ފެނާއި ދެންވެސް އެހެން ބާވަތުގެ ތެލާ އެއްކުރާނީ. ނުވާނެ. އެކަން ވިޔަވެސް ނުދޭނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުޅެނީ ރައީސް ޔާމީން ގައުމަށް ގެންނަވަމުން ގެންނަވާ ތަރައްގީ ނޭނގިގެން ނޫން ކަމަށާއި އެ ތަރައްގީގެ ވާހަކަތައް ރައްޔިތުން ދައްކަފާނެތީ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ތަރައްގީ ފެންނާނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް