ފްރާންސްގެ ލެޖެންޑުންނެކޭ އެއްގޮތަށް ޔުވެންޓަސްއަށް އާދެވުމުން މަޓުއިޑީ އުފާކުރޭ

ޔުވެންޓަސްއާ ގުޅުނު ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީ: އޭނާ އެ ކްލަބާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ---

ފްރާންސްގެ ލެޖެންޑުންނެކޭ އެއްގޮތަށް ޔުވެންޓަސްއަށް އާދެވުމުން އުފާކުރާ ކަމަށް އެ ކްލަބާ ދާދި ފަހުން ގުޅުނު ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ބުނެފި އެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ މަޓުއިޑީ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ފާއިތުވެ ދިޔަ ހަ ސީޒަނުގެ އިޓަލިއަން ސެރީއާ ކާމިޔާބުކޮށް، ފާއިތުވެދިޔަ ތިން އަހަރުގެ ތެރެއިން ދެ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޔުވެންޓަސްއާ އެކު ކާމިޔާބު ހޯދުމަށް މަޓުއިޑީ ތައްޔާރު ކަމަށް އޭނާ ބުނެ އެވެ.

ފްރާންސްގެ ފުޓްބޯޅަ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ ލެޖެންޑުން ކަމަށްވާ ޑިޑިއާ ޑިޝޯމްޕްސްއާއި މިޝެލް ޕްލެޓިނީ އަދި ޒައިނުއްދީން ޒިދާން ވަނީ ޔުވެންޓަސްގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ލެޖެންޑުންނެކޭ އެއްގޮތަށް ޔުވެންޓަސްގައި ކާމިޔާބު ކުޅުންތެރިޔަކަށް ވެވޭނެ ކަމަށް މަޓުއިޑީ ގަބޫލުކުރެ އެވެ.

"އަހަރެން މިހުރީ ވަރަށް އުފާވެފައި. ޔުވެންޓަސްގެ ޖާޒީ ލާން ވަރަށް ފަހުރުވެރިވޭ. އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް، ދަނޑަށް ނުކުމެ އާ ސީޒަނާ ކުރިމަތިލާން މިހުރީ ކެތްމަދުވެފައި. އަހަރެންނަށް އެނގޭ ޔުވެންޓަސްގެ ތާރީހުގެ ތެރެއިން ޖާގަ ހޯދި ވަރުގަދަ ކުޅުންތެރިން. މިސާލަކަށް ޒިދާން، ޕްލެޓިނީ އަދި ޑިޝޯމްޕްސް،" އޭނާ ބުންޏެވެ.

މަޓުއިޑީ ބުނީ، ޔުވެންޓަސްއަށް އިތުރު ޓްރޮފީތައް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށާއި ޔުވެންޓަސްއަކީ ވަރަށް ކާމިޔާބު ކްލަބެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި އިޓަލީ އަދި ޔޫރަޕްގައި ޔުވެންޓަސްއިން ހޯދި ކާމިޔާބީތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

comment ކޮމެންޓް