ކުޑަހުވަދުއާއި މާޅޮސް ބައްދަލުކުރި މެޗުން ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މިރޭ ކުޑަހުވަދުއާއި މާޅޮސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދުއާއި އއ. މާޅޮސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދުއާއި މާޅޮސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މާޅޮސް ކުޅުނު ތިން މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ކުޑަހުވަދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި ކުޑަހުވަދޫން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ކުޑަހުވަދުއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އިބްރާހިމް އުޝާމަތެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން މާޅޮހުގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ ކުޅުންތެރިއެއް ގައިގައި ޖެހިފައެވެ.

މެޗުގައި މާޅޮހަށް ނަތީޖާ ހަމަހަމަކޮށްދިނީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަންހެލް ކަރަސްކޯސާ މުނޯޒްއަށް ކީޕަރު އަބްދުﷲ ޔަޒީދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީންނެވެ. މާޅޮހަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަންހެލް ކަރަސްކޯސާ މުނޯޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން ކުޑަހުވަދޫން ވަނީ އަލުން ލީޑު ހޯދައިފައެވެ. ކުޑަހުވަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ޝަހީމެވެ. މާޅޮސް ޕެނަލްޓީ އޭރިޔާ ތެރެއިން ޝަހީމް ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ކުޑަހުވަދޫގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައެވެ.

މާޅޮހުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ. އަހްމަދު މުހައްމަދު (އައްމަޑޭ) ނަގައިދިން ހުރަހަކުން މާޅޮހަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަންހެލް ކަރަސްކޯސާ މުނޯޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ގދ. ތިނަދޫ ބައްދަލުކުރާއިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ށ. މިލަންދޫއެވެ.

comment ކޮމެންޓް