ސިޔާމް-މައުރޫފު ކަޕް: ޗެމްޕިއަން ޓީމަށް ފަސް ލައްކަ ރުފިޔާ، ފަށާނީ ނޮވެމްބަރު 15ގައި

މިދިޔަ އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ހޮޅުދީގެ ކެޕްޓަނަށް ޝަރަފްވެރި މެހެމާނުން ފައިސާގެ އިނާމު ހަވާލުކޮށްދެއްވަނީ: މިއަހަރުގެ މުބާރާތުގެ ފައިސާގެ އިނާމެއްގެ ގޮތުގައި ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ ފަސް ލައްކަ ރުފިޔާ -- ސަން ފައިލް ފޮޓޯ/ އާތިފް

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް އަދި މެދުކެނޑުމެއް ނެތި ކުރިއަށްގެންދާ އެންމެ ބޮޑު އަތޮޅު މުބާރާތް ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައި، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނ. މާޅެންދޫގައެވެ.

ސަން ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން އެ މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަންވަރު އަބްދުލްގަނީ ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ނ. އަތޮޅު ހުރިހާ ރަށަކުން ވެސް އެ މުބާރާތުގައި ވާދަކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް މިހާރު އެ އަތޮޅުގެ ރަށްތަކަށް ދައުވަތު ދެމުންދާ ކަމަށެވެ.

ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަކީ މަނަދޫ، ވެލިދޫ، ކެނދިކުޅުދޫ، ކުޑަފަރީ، މާޅެންދޫ، މާފަރު، މަގޫދޫ، ހޮޅުދޫ، ހެނބަދޫ، ފޮއްދޫ، ލަންދޫ، ޅޮހި އަދި މިލަދޫއެވެ. އެ 13 ރަށުން ވެސް މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކެނދިކުޅުދޫ ބަލިކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް ހޮޅުދޫން ވަނީ ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައި ވަނީ 150،000 ރުފިޔާ އެވެ. އެ އަހަރުގެ ފައިނަލް މެޗު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލްއާއި އޭނާގެ އަންހެނުން ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯ ބައިވެރިވިއެވެ.

އެ މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް