ޕާކިންޒޯނުން ސައިކަލެއް ނެރެން އުޅުނު އަންހެނެއްގެ އަތުން، މީހަކު ޒަހަމް ވެއްޖެ

އަންހެނަކު ދުއްވަން އުޅުނު ސައިކަލެއް، ޕާކިންޒޯނުން ނެރެން އުޅުނު ވަގުތު ކޮންޓްރޯލު ނުވެގެން ގޮސް، މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު-- ފޮޓޯ/ ޓްވިޓާ

އަންހެނަކު ދުއްވަން އުޅުނު ސައިކަލެއް، ޕާކިން ޒޯނުން ނެރެން އުޅެނިކޮށް ކޮންޓްރޯލު ނުވެގެން ގޮސް، ބިދޭސީއެއްގެ ގައިގައި ޖެހި، ބިދޭސީ މީހާ ވިއްސައިގެން ގޮސް ޒަހަމްތަކެއްވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު 'ސަން'އަށް މިއަދު ކިޔާދިން ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އަންހެނަކު އޭނާގެ ސައިކަލަށް އަރައި ސްޓާޓްކޮށްލި ވަގުތު ކޮންޓުރޯލުން ނައްޓައިގެން ގޮސް، ޕޭވްމަންޓުން ހިނގާފައިދިޔަ ބިދޭސީއެއްގެ ގައިގަ ސައިކަލުން ޖެހިގެން ކަމަށެވެ.

ބިދޭސީ މީހާގެ ގައިގަ ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ފިހާރައިގެ ބިއްލޫރި ދޮރުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފިހާރަތެރެއަށް އޭނާ ވެއްޓުނު ކަމަށް މަންޒަރު ދުއް މީހާ ބުންޏެވެ. އަދި ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ވަގުތު، ބިދޭސީމީހާ ވަނީ ޒަހަމްވެފަ އެވެ. އަދި ބިދޭސީ މީހާގެ ގައިން ފޭބި ލޭ އެ ސަރަހައްދުގެ ބިންމަތީގައި ހުއްޓެވެ. ބިދޭސީ މީހާއަށް ލިބުނު ޒަހަމްތަކަށް އަންނަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަންހެނަކު ދުއްވަން އުޅުނު ސައިކަލެއް، ޕާކިން ޒޯނުން ނެރެން ސްޓާޓުކޮށްލި ވަގުތު ކޮންޓްރޯލު ނުވެގެން ގޮސް، ހިނގައިފައިދިޔަ މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު-- ފޮޓޯ/ ޓްވިޓާ

މިއަދު ހެނދުނު ހެންވޭރު ބޮޑު ރަސްގެފާނު މަގުގައި ހިނގި އެ ހާދިސާގައި ފިހާރައެއްގެ ދޮރުގެ ބިއްލޫރުގަނޑުގެ ބޮޑު ބައެއް ވަނީ ތަޅައިގެން ގޮސްފައެވެ. އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ހާދިސާގައި ސައިކަލް ދުއްވި އަންހެން މީހާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް މަންޒަރުދުއް މީހާ ބުންޏެވެ. ފުލުހުން ވެސް ވަނީ މިއަދު މާލޭގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަން ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް