ސްޕެއިންގައި ދެވަނަ ހަމަލާއެއް ދޭން އުޅުނު ފަސް މީހަކު މަރާލައިފި

ސްޕެއިންގައި ދެވަނަ ޓެރަރިސްޓު ހަަމަލާއެއް ދޭން އުޅެނިކޮށް ފުރޮޅާލި ކާރު -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޮގަސްޓް 18): ސްޕެއިންގެ ބާސެލޯނާގައި ޓެރަރިސްޓު ހަމަލާއެއްދީ 13 މީހަކު މަރާލިތާ މާގިނަ އިރުތަކެއް ނުވަނީސް ދެވަނަ ހަމަލާއެއް ދޭން މަސައްކަތް ކުރި ފަސް މީހަކު މަރާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ކެމްބްރިލްސް ކިޔާ ޓައުނެއްގައި ހިނގި އެ ހާދިސާގައި ވޭނެއްގައި ތިބި ފަސް މީހަކު ވަނީ މަގުމަތީގައި ތިބި މީހުންގެ ގައިގައި އެ އުޅަނދުން ޖައްސާފަ އެވެ. އެ ހާދިސާގައި ފުލުސް އޮފިސަރަކާއި އިތުރު ހަ މީހަކަށް އަނިޔާވި އިރު، އޭގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދިނުމަށް ފަހު ވޭން ފުރޮޅާލުމުން އޭގެ ތެރޭގައި ތިބި މީހުން ވަނީ ފިލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުންގެ ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ. އަދި އެ ހަމަލާ ދިން މީހުންގެ ތެރެއިން އެކެއްގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި ބައެއް މީހުން ތިބީ ފޭކު ގޮވާތަކެތި ހަރުކޮށްފައިވާ ބެލްޓް އަޅައިގެން ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފުރަތަމަ ޝައްކު ކުރީ އެހަމަލާ ދިނީ އިދްރިސް އުބާކިރު ކަަމަށް، ނަމަވެސް އޭނާ ބުނި ގޮތުގައި މީހަކު ވަނީ އޭނާގެ އައިޑީ ވަގަށް ނަގާފައި -- ފޮޓޯ: ސްޕެއިންގެ ފުލުހުން

އެ ހަމަލާގެ ކުރިން ބާސެލޯނާގެ ރަސް ރަމްބްލަސްގައި ވެސް މީހަކު ވަނީ ވޭނަކުން މަގުމަތީގައި ތިބި މީހުންގެ ގައިގައި ޖައްސާ، 13 މީހަކު މަރާލައި 100 މީހަކު ޒަހަމްކޮށްލައިފަ އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ ހަމަލާގެ ޒިންމާ ނަގާފައިވާ އިރު، އެ ހަމަލާ ދިން މީހާ ވަނީ ފިލާފަ އެވެ.

ސްޕެއިންގެ ފުލުހުން އެންމެ ފުރަތަމަ ލަފާ ކުރި ގޮތުގައި އެ ހަމަލާ ދިނީ މޮރޮކޯއަށް އުފަން ރައްޔިތެއް ކަމަށްވާ އިދްރިސް އުބާކިރު އެވެ. ސަބަބަކީ ހަމަލާ ދޭން ބޭނުން ކުރި ވޭން ކުއްޔަށް ނަގާފައި ވަނީ އޭނާގެ ނަމުގައި ކަަމަށްވާތީ އެވެ.

ނަމަވެސް އުބާކިރުގެ ފޮޓޯ މީޑިއާގައި އާއްމު ކުރުމުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެ، އޭނާގެ އައިޑީ މީހަކު ވަގަށް ނަގާފައިވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ފުލުހުން މިހާރު ތުހުމަތު ކުރާ ގޮތުގައި ރަސް ރަމްބްލަސްގައި އެ ހަމަލާ ދިނީ އުބާކިރުގެ 18 އަހަރުގެ ކޮއްކޮ، މޫސާ އުބާކިރު އެވެ. ސްޕެއިންގެ ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް