މަޖިލިސް މެމްބަރުންނަށް ލިބިގެންވާ ގާނޫނީ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލައިފި

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ 12 މަޖިލިސް މެމްބަރުން -- ފައިލް ފޮޓޯ

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ކަށަވަރު ކުރުމަށް، ޕާލެމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ގޮވާލައިފިއެވެ.

ޕީޖީއޭ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނީ ބާރާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލް އަގުވާމީ ނެޓްވޯކެކެވެ. އެ ނެޓްވޯކުގެ މަގްސަދަކީ ގާނޫނުތައް މެދުވެރިކޮށް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ގާނޫނީ ބާރު ދަމަހައްޓައި، ހަމަހަމަކަމާ އެކު އަމާން ޑިމޮކްރަޓިކް އުސޫލުތައް ހުރިހާ ގައުމެއްގައި ވެސް އަށަގެނުވުމެވެ.

އެ ނެޓްވޯކުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް، މަޖިލިސް މެމްބަރުންގެ ހައްގުތައް ކަށަވަރު ކުރަން ފުރަތަމަ ގޮވާލީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ާހަމަ އެފަދައިން ގޮވާލަމުން މިމަހުގެ 14 ވަނަ ދުވަހު އެ ނެޓްވޯކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ހެދިފައިވާ ބައިނަލް އަގުވާމީ ގާނޫނުތަކުން ވަކި ވަކި ފަރުދުންނާއި، މަޖިލިސް މެމްބަރުންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު ދަނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުން. ޝަރުއީ ދާއިރާގައި ކަން ހިނގަނީ ބޭނުން ގޮތަކަށް. ސަރުކާރުގެ ނުފޫޒުގައި ޖުޑިޝަރީ ވެފައިވާ ކަމަށްބުނެ ފާޑު ކިއުމުގައި އިދިކޮޅު ފަރާތްތަކަށާއި ރައްޔިތުންނަށް ލިބިގެންވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ އެންމެ މަތީ ދަރަޖައަށް ހީނަރުކޮށްފި. ހަ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ މަރުހަލާ ދަނީ ކުރިއަށް. އަދި ސަލާމަތީ ބާރުތަކުގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންނަން އުޅުނު ކަމުގެ ތުހުމަތުގައި 12 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފަ،" ޕީޖީއޭގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މިމަހުގެ އެއް ވަނަ ދުވަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ތާވަލުކޮށް ބާއްވަން އުޅުނު މަޖިލިސް ޖަލްސާ، މަޖިލިސް އިދާރާގެ ފާޚާނާއެއްގައި އަލިފާން ރޯވެގެން ފަސް ކުރިކަން ވެސް ޕީޖީއޭއިން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ ޖަލްސާ ނުބާއްވަން ވެގެން ސަރުކާރުން ޖެއްސި ސްޓަންޓެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް