ބާސާގައި ކާމިޔާބު ހޯދޭނެ: ޕައުލީނިއޯ

ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސާއާ ގުޅުނު ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ: ބާސާގެ ސިސްޓަމަށް ހޭނި، އެ ކްލަބާއެކު ކާމިޔާބު ހޯދޭނެ ކަމަށް ޕައުލީނިއޯ ގަބޫލުކުރޭ ---

ބާސެލޯނާގެ ސިސްޓަމަށް ހޭނި، އެ ކްލަބާއެކު ކާމިޔާބު ހޯދޭނެ ކަމަށް ބާސާއާ އަލަށް ގުޅުނު ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ ބުނެފިއެވެ.

ޕައުލީނިއޯ ވަނީ ޗައިނާގެ ގުއަންގްޒޫ އެވަގްރޭންޑް ޓައޯބައޯގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސާއާ ގުޅިފައެވެ. އޭނާ ބާސާއާ ގުޅުނީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ.

ޕައުލީނިއޯއަކީ ބާސާގެ ސިސްޓަމަށް ގުޅޭ ކުޅުންތެރިއެއް ނޫން ކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދިޔަ ނަމަވެސް، އެ ފާޑުކިޔުންތަކަށް ފުރިހަމަ ޖަވާބެއް ދޭން އޭނާ ހުރީ ތައްޔާރަށެވެ.

"އަހަރެންނަށް ބާސާގެ ކުޅުމަށް ހޭނި، މި ކްލަބުން އަހަރެން ގެނައުމަށް ކުރި މަސައްކަތުގެ އަގު އަހަރެންނަށް އަދާކުރެވިދާނެ. އަހަރެންނަށް އެނގޭ ބާސާއިން ގެންގުޅެނީ މުޅިން ތަފާތު ސްޓައިލެއް ކަން. އެކަމަކު އަހަރެންނަށް މި ކްލަބަށް ކުޅެވޭނެ. އަހަރެން ބޭނުންވާ ތަނަކަށް ކުޅެ، އަހަރެންނަށް އޮތް ފުރުސަތުތަކަކީ ކޮބައިކަން ބަލަން ބޭނުން. މި ކްލަބަށް ޓްރޮފީތައް ހޯދައިދިނުމަށް އެހީތެރިވާނަން،" އޭނާ ބުންޏެވެ.

ގުއަންގްޒޫއާއެކު ޕައުލީނިއޯ ވަނީ ހަ ޓްރޮފީއެއް ހޯދައިފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. އޭނާ ގުއަންގްޒޫއާ ގުޅުނީ ޖޫން 2015ގައި އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ.

ޗައިނާގައި އުމުރުން 29 އަހަރުގެ ޕައުލީނިއޯ ހޭދަކުރި ދުވަސްތަކުގައި އަމިއްލައަށް ކުރާ އިތުރުބާރު ބޮޑުވެގެން ދިޔަ ކަމަށް އޭނާ ގަބޫލުކުރެއެވެ.

"އަހަރެން ޓޮޓެންހަމްއަށް ކުޅުނު ދެވަނަ ސީޒަން ދިޔައީ އަހަރެން ބޭނުންވި ގޮތަކަށް ނޫން. އެކަމަކު ޗައިނާއިން ލިބުނު ހުށަހެޅުން ގަބޫލުކޮށް، އަހަރެން ދެކެމުންދިޔަ ގޮތް ބަދަލުކުރިން. އަލުން އިތުބާރު ހޯދައި، ޓްރޮފީތައް ހޯދިން. ބާސާ އަކީ ބާސާ. އަދި އަހަރެންނަށް ހިއެއް ނުވޭ މި ކްލަބަށް ނޫނެކޭ ބުނެވިދާނެ ހެންނެއް. މި ކްލަބަށް ކުޅުމަކީ ހުވަފެނެއް،" އޭނާ ބުންޏެވެ.

comment ކޮމެންޓް