ޗިލީ ސްކޮޑުގައި ސަންޗޭޒް ހިމަނައިފި

އާސެނަލްގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް: އަނިޔާގައި ހުރި ނަމަވެސް، ކޯޗު ޕިޒީ ވަނީ ގައުމީ ސްކޮޑުގައި އޭނާ ހިމަނާފައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއާއީ އަދި ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ޗިލީ ސްކޮޑުގައި އާސެނަލް ފޯވާޑް އެލެކްސިސް ސަންޗޭޒް ހިމަނައިފިއެވެ.

ސަންޗޭޒަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި އާސެނަލް ކުޅުނު މެޗަކުން އޭނާ ފެނިފައިނުވާއިރު، އަންނަ ހޮނިހިރު ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް އޭނާއަށް ގެއްލޭނެ ކަމަށް ބެލެވެއެވެ.

ސަންޗޭޒް އަނިޔާގައި ހުރި ނަމަވެސް މި މަހުގެ 31 ވަނަ ދުވަސް އަދި އަންނަ މަހުގެ ފަސްވަނަ ދުވަހު ކުޅޭ މެޗަށް ނެގި ޗިލީގެ ސްކޮޑުގައި އޭނާ ހިމަނާފައި ވަނީ ފިޓްވެފައިވާ ކަމަށް ގައުމީ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ ގަބޫލުކުރާތީއެވެ.

ޗިލީގެ ގައުމީ ޓީމަށް 115 މެޗު ކުޅެ، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ސަންޗޭޒް ވަނީ މިދިޔަ ޖުލައި މަހު ކުރިއަށްދިޔަ ކޮންފެޑަރޭޝަން ކަޕްގެ ފައިނަލަށް ގެންގޮސްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.

"އަހަރެމެންނަށް ލިބުނު މައުލޫމާތުތަކަށް ބަލާނަމަ އޭރަށް ވާއިރަށް ސަންޗޭޒް ހުންނާނީ ފިޓްވެފައި. އެ ދުވަސްތަކަށް އެއްވެސް މައްސަލައަކާ ކުރިމައްޗެއް ނުވާނެ،" ސަންޗޭޒްއާ ގުޅޭގޮތުން ޗިލީ ގައުމީ ޓީމުގެ ކޯޗު ޕިޒީ ބުންޏެވެ.

އާސެނަލާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަން ކައިރިވެފައިވާއިރު، މެންޗެސްޓާ ސިޓީންނާއި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ސީޒަން ނިމުމުން ސަންޗޭޒްގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ދިޔަ ނަމަވެސް، އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނަމުންދަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

ސަންޗޭޒްގެ އިތުރުން ޗިލީގެ ގައުމީ ޓީމަށް ކޯޗު ޕިޒީ ނެގި 19 ކުޅުންތެރިންގެ ސްކޮޑުގައި މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އާއި ބަޔާން މިއުނިކްގެ އާޓުރޯ ވިޑާލް އަދި ބަޔާން ލެވަކޫސަންގެ ޗާލްސް އަރަންގޭޒް ފާހަގަކޮށްލެ އެވެ.

ޗިލީގެ ގައުމީ ސްކޮޑު:

ގޯލްކީޕަރުން- ކްލައުޑިއޯ ބްރާވޯ (މެންޗެސްޓާ ސިޓީ).

ޑިފެންޑަރުން- ޕައުލޯ ޑިއާޒް (ސެން ލޮރެންޒޯ)، އޮސްވާލްޑޯ ގޮންޒާލޭޒް (ޓުލޫކާ)، މައުރީސިއޯ އިސްލާ (ފެނަބާޗޭ)، ޔޫޖީނިއޯ މެނާ (ސްޕޯޓް ރެސިފޭ)، އެންޒޯ ރޮކޯ (ކްރޫޒް އަޒުލް).

މިޑްފީލްޑަރުން- ޗާލްސް އަރަންގޭޒް (ބަޔާން ލެވަކޫސަން)، މާސެލޯ ޑިއާޒް (ސެލްޓާ ވިގޯ)، ފެލިޕޭ ގުޓިއަރޭޒް (އިންޓަނޭސިއޮނަލް)، ޕަބްލޯ ހެނާންޑޭޒް (ސެލްޓާ ވީގޯ)، ގޭރީ މެޑެލް (ބެސިކްޓާސް)، ފްރެންސިސްކޯ ސިލްވާ (ކްރޫޒް އަޒުލް)، އާޓުރޯ ވިޑާލް (ބަޔާން މިއުނިކް).

ފޯވާޑުން: ނިކޮލަސް ކަސްޓީލޯ (ޔޫއެންއޭއެމް)، ފަބިއަން އޮރެލާނާ (ވެލެންސިއާ)، އެޑްސަން ޕުޗް (ޕަޗޫކާ)، އެލެކްސިސް ސަންޗޭޒް (އާސެނަލް)، ލިއޮނާޑޯ ވެލެންސިއާ (ބޮޓަފޮގޯ)، އެޑުއާޑޯ ވާގާސް (ޔޫއޭއެންއެލް).

comment ކޮމެންޓް