ބާސެލޯނާގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި 13 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެ

ބާސެލޯނާގައި ދުއްވާފައި ދިޔަ ވޭނަކުން މަގުމަތީގައި ތިބި ބައެއްގެ ގައިގައި ޖައްސައި ދިން ނުރައްކާތެރި ހަމަލާގައި 13 މީހަކު ވަނީ މަރުވެފައި --

ސްޕެއިންގެ ބާސެލޯނާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދަކަށް ޓެރަރިސްޓު ހަމަލާއެއްދީފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ ބާސެލޯނާގެ ރަސް ރަމްބްލަސް ގައެވެ. އެހާދިސާ ހިނގައިދިޔައީ ދުއްވާފައި ދިޔަ ވޭނެއް، މަގުމަތީގައި ތިބި ބައެއްގެ ގަޔަށް ގަސްދުގައި އަރުވާލައިގެންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެހާދިސާގައި 13 މީހަކު މަރުވެ 50 މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި އޭގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ވޭނު ދުއްވާފައި ދިޔަ ގޮތުން ބޮޑަށް ލަފާ ކުރެވެނީ ގަސްދުގައި ދިން ހަމަލާއެއްގެ ގޮތަށެވެ. އަދި ބާސެލޯނާގެ ފުލުހުން ވަނީ އެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ކަނޑައަޅައި ތަހުގީގު ފަށައިފައެވެ.

ފުލުހުން ވަނީ މިހާރު އެސަރަހައްދު ބައްދުކޮށް، ތަހުގީގަށް ބޭނުންވާ ހެކި އެއްކުރުމުގެ މަސައްކަތް ފަށައިފައެވެ.

ބާސެލޯނާގެ ރަސް ރަމްބްލަސަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އަދި މި ހަމަލާ ދީފައިވަނީ އެ އަވަށަށް ދާ ފަތުރުވެރިންގެ އަދަދު އެންމެ ގިނަވެފައިވާ ދުވަސްވަރެއްގައެވެ.

"އަހަންނަށް ވޭން ފެނުނު. އަހަރެންގެ ކުރިމަތިން ފެނޭ. ދެފަރާތަށް ޒިގް ޒެގް ގޮތަށް ދުއްވަމުން އޭތި އައީ. މަގުމަތީގައި މީހުން ވެއްޓިފައި ތިއްބާވެސް ފެނުން" މަންޒަރު ދުށް މީހަކު މީޑިއާއަށް ކިޔައިދިނެވެ.

ކެޓަލޯނިޔާގެ މޭޔަރާ ހަވާލާދީ ބީބީސިން ބުނީ، އެ ހާދިސާގައި މިހާތަނަށް 13 މީހަކު މިރަވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އަދި 50 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ބާސެލޯނާއަށް ދިން މި ހަމަލާގައި ބޭނުންކުރި ވޭން ވަނީ ވަކި ހިސާބަކުން ފާރުގައި ޖެހި ހަލާކުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހާދިސާއާ ގުޅިގެން ބާސެލޯނާގެ ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް