ދުނިޔޭގައި އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާ

ނިއުދިއްލީ (އޮގަސްޓް 17) : އިންޑިއާގައި ކޮންމެ 155 މިނެޓަކުން އަންހެން ކުއްޖަކު ރޭޕްކޮށް އެ ކުއްޖާގެ އިއްފަތްތެރިކަން ނަގާލާ ކަމަށާއި އެފަދަ ގިނަ ކުދިންނަކީ ރޭޕް ކުރުމަށްފަހު އަނިޔާވެރި ގޮތް ގޮތަށް މަރާލެވޭ ކުދިން ކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އދ. ގެ ޖަމްއިއްޔާ ޔުނިސެފް އިން ބުނެފިއެވެ.

އިންޑިއާގައި އަންހެނުންނާއި އަންހެނުން ކުދިންނަށް ކުރިމަތިވަމުންދާ އަނިޔާތަކާއި ރޭޕްކުރުމުގެ ޖަރީމާތަކާ ގުޅޭ ގޮތުން ޔުނިސެފުން ނެރުނު ރިޕޯޓެއްގައި ރޭޕް ކުރުމުގެ ސަބަބުން އުމުރުން 10 އަހަރުން ދަށުގެ އެތަށް އަންހެން ކުދިންނެއް ކޮންމެ އަހަރަކު "ނަހަލާލަށް" ވިހަމުންދާކަން ވަރަށް ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ. އެފަދަ އަންހެން ކުދިންނަށް އެ ކުދިންގެ އާއިލާތަކުގެ އެހީތެރިކަން ވެސް ނުލިބި ލިބޭ ކުޑަ ދަރިފުޅާއެކު އުމުރުން ދިހަ އަހަރުގައި ބިކަވެ މަގުމަތިވާކަން އަސަރާއެކު ޔުނިސެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ ޗަންޑިގާރުގެ ސަރުކާރު ހޮސްޕިޓަލެއްގައި މިދިޔަ ހަފްތާގައި ވެސް ވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ސަބަބުން ބަލިވެ އިނދެ ވިހާފަ އެވެ. ވިހޭ އަންހެންކުއްޖާއަކީ އޭނާ މަންމައަކަށް ވިކަމުގެ އިޙްސާސް ކުރެވޭ ވަރަށްވުރެ ތުއްތު ކުއްޖެއް ކަމުން މަންމަ އާއި ދަރިފުޅަކީ ވެސް ދެކުދިން ކަމަށް ބުނެފައިވެއެވެ.

ބީބީސީ އަށް ދިން ބަޔާނެއްގައި ޗަންޑިގާރުގެ ސަރުކާރު ހޮސްޕިޓަލުގެ ޑޮކްޓަރަކު ވަނީ 10 އަހަރުގައި ރޭޕްކުރުމުގެ ސަބަބުން ވިހޭ އަންހެން ކުއްޖާ އާއި އޭނާއަށް ލިބުނު ދަރިފުޅުގެ ހާލު ރަނގަޅުކަން ހާމަކޮށްފަ އެވެ. މި ކުއްޖާ ބަލިވެއިންކަން އެނގުނީ ބަނޑަށް ފަސްމަހުގައި ކަމުން އިންޑިއާގެ ހައިކޯޓުން ވަނީ އެ ބޯޓް ކުރުމުގެ ހުއްދައަށް އެދި އަންހެން ކުއްޖާގެ ބައްޕަ ހުށަހެޅި މައްސަލައަށް ދެކޮޅު ހަދާފައެވެ. އިންޑިއާގައި ދަރިވައްޓާލުމުގެ ހުއްދަ ދެނީ މަންމަގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި އަދި ބަނޑަށް ތިން މަސް ނުވަނީހެވެ.

ޕަންޖާބަށް ނިސްބަތްވާ އެ އަންހެން ކުއްޖާ ވަނީ އެތަށް ފަހަރަކު އޭނާ ރޭޕްކޮށްފައިވާ ކަމާއި އޭނާ ރޭޕްކުރުމުގައި ތިމާގެ ބައެއް ފިރިހެނުން ވެސް ބައިވެރިވިކަމަށް ބުނެ ފުލުހުންނަށް ބަޔާން ދީފައެވެ.

ޔުނިސެފްގެ ތަފާސް ހިސާބުތައް ބުނާ ގޮތުން އަންހެނުންނާއި އަންހެން ކުދިންނަށް ދުނިޔޭގައިވާ އެންމެ ނުރައްކާތެރި އެއްގައުމަކީ އިންޑިއާއެވެ. އަންހެނުން ރޭޕްކުރުމުގެ ރޭޓަށް ބަލާއިރު އިންޑިއާ އަންނަނީ މުޅި ދުނިޔޭން އެއް ވަނައަށް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ރިޕޯޓްތަކުންނާއި ލިޔެކިޔުންތަކުން ހާމަވެއެވެ.

މިފަދަ ޖަމާއަތްތައް ބުނާ ގޮތުން އިންޑިޔާގައި އަންހެނުންނާއި އަންހެން ކުދިންނަކީ އެއްވެސް އަގެއް ހުންނަ ބައެއްނޫނެވެ. އަންހެނުންނާއި އަންހެން ކުދިން ރޭޕް ކުރުމުގެ ޙާދިސާތައް ގިނަ ކަމުން އެއީ އިންޑިއާގެ ލޯކަލް ސަރުކާރުތަކަށާއި މައި ސަރުކާރަށް ވެސް މާ ބޮޑު މައްސަލައެއް ނޫން ކަމަށްވެ އެވެ. އަދި ރޭޕް ކުރާ މީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ވަރަށް އަވަހަށް އެ މީހުން ދޫކޮށްލާ ކަމަށް ވެސް އެކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

ޔުނިސެފްގެ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި ކޮންމެ 155 މިނެޓުން އަންހެން ކުއްޖަކު ރޭޕްކުރެ އެވެ. އެގޮތުން 2015 ވަނަ އަހަރު އެކަނިވެސް ފަނަރަ ހާހަށްވުރެ ގިނަ އަންހެން ކުދިން ރޭޕް ކުރިކަން ރަސްމީ ފަރާތްތަކަށް ރިޕޯޓްކޮށްފައިވާއިރު މީގެ އެތަށް ގުނައެއްގެ ކުދިން ހަގީގަތުގައި ރޭޕްކޮށްފައިވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން އިންޑިއާއަކީ އަންހެން ކުދިން އެ ބޯޓް ކުރުމުގެ ނުބައި ސަގާފަތެއް ވެސް ގެންގުޅޭ ގައުމެކެވެ. ލިބޭ ދަރިފުޅަކީ އަންހެން ކުއްޖެއްކަން އެނގިއްޖެނަމަ ދަރިވައްޓާލުން އިންޑިޔާގެ އާއިލާތަކުގެ މެދުގައި އާންމުވެފައިވެއެވެ.

އިންޑިއާގައި 18 އަހަރު ނުވަނީސް 240 މިލިޔަން އަންހެނުން ކައިވެނިކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ގިނަ އަންހެން ކުދިން ކައިވެނިކޮށްފައި ވަނީ ފައިސާއަށް އަންހެން ދަރި ވިއްކާލާ އުސޫލުގެ މަތިން ކަމަށް ވެސް ޔުނިސެފުން ބުނެއެވެ. (ބީބީސީ)

comment ކޮމެންޓް