ޕީޕީއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ

ޕީޕީއެމުން ބޭއްވި ހަރަކާތެއްގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ޕީޕީއެމުން އަންހެނުންނަށް ވޮލީ މުބާރާތެއް އަދި ފިރިހެނުންނަށް ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ މުބާރާތްތައް ބާއްވަނީ "ވައި18 ސްޕޯޓްސް ފިއެސްޓާ"ގެ ނަމުގައި ކަމަށެވެ.

އެ ދެ މުބާރާތަކީ މުޅި ރާއްޖޭގައި ޕީޕީއެމްގެ ހަރަކާތްތައް ބޭއްވުމުގެ މަގުސަދުގައި ކުރިއަށް ދާ މުބާރާތްތަަކެއް ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުން އެއް ޓީމަށް ކަމަށެވެ.

"ރަށުގެ ނަމުގެ މުބާރާތުގައި ބައިވެރިވެވޭނީ. ކްލަބް ޖަމިއްޔާތަކުގެ ނަމުގައި ބައިވެރިއެއް ނުވެވޭނެ. ބޭނުމަކީ ރައްޔިޔުންގެ ތެރޭގައި އެކުވެރިކަން އާލާކުރަން،" އަދުރޭ ވިދާޅުވި އެވެ.

މިނިވަން ޗެންޕިއަޝިޕް ކުރިއަށް ދާ އުސޫލުން ޒޯންތަކުން ޗެމްޕިއަންތައް ހޯދާ ޓީމުތައް މާލޭގައި ފައިނަލް ކުޅޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ. މުޅި މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެ ދެމުބާރާތުގައި ކުޅެން ވެސް ޖޯޒީބައި ޕާޓީން ދޭނެ ކަމަށެވެ. އަދި އަންހެންނުންގެ ވޮލީ މުބާރާތާއި ފިިރިހެނުންގެ ފުޓްސަލް މުބާރާތައް ވެސް އިނާމުތައް ހަމަ އެއްވަރަށް ލިބޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް