ޕީޕީއެމްގެ ނަމުގައި ފާރިސް ނިއުސް ކޮންފަރެންސް ދެއްވީ ޕާޓީގެ ރައީސްގެ ހުއްދައާ އެކު: ވަކީލު

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ނަމުގައި ފާރިސް ބައިވެރިވެވަޑައިގަތީ ޕާޓީގެ ރައީސްގެ ހުއްދައާ އެކު ކަމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި މައުމޫން ހަމީދު ވިދާޅުވީ ޕީޕީއެމްގެ އެންމެ އިސްފަރާތަކީ އެ ޕާޓީގެ ރައީސް ކަމަށާއި އެ ނިއުސް ކޮންފަރެންސްގައި ފާރިސް ޕީޕީއެމްގެ ނަމުގައި ބައިވެރިވެވަޑައިގަތީ ޕާޓީގެ ރައީސްގެ ހުއްދައާ އެކު ކަމަށެވެ.

ޝަޚްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ދައުލަތުން އުފުލީ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ އޭނާ ބޭނުންކުރެއްވި ކަމަށް ބުނެ އެވެ.

މައުމޫން ހަމީދުގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ، ސީނީއާ ޕަބްލިކް ޕްރޮސިކިއުޓާ އާއިޝަތު ރީޝާ ވިދާޅުވީ ފާރިސް އެ ވަނީ ދައުވާ އަށް އިއުތިރާފުވެފައި ކަމަށެވެ.

ސަބަބަކީ ޕީޕީއެމްގެ އިސް ފަރާތަކީ އެ ޕާޓީގެ މުސްތަޝާރު ކަމަށާއި މުސްރަޝާރުގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްގެން ނިއުސް ކޮންފަރެންސެއް ދެއްވި ކަމަށް ފާރިސްގެ ވަކީލު ވިދާޅުވާތީ ކަމަށް ރީޝާ ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ ދައުލަތުން ޕީޕީއެމްގެ އަސާސީ ގަވާއިދު ކިޔާލަންް އެބަޖެހޭ ކަމަށާއި ޕާޓީ ހިންގުމުގައި މުސްތަޝާރުގެ އެއްވެސް ދައުރެއް އަސާސީ ގަވާއިދުގައި ނޯންނާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށްދިޔައީ މައުޟޫއީ ގޮތުން މައްސަލަ ކުރިއަށްގެންދިޔުމުގެ ކުރިން ދިފާއުގައި އިޖުރާއީގޮތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމެވެ.

އެގޮތުން އިޖުރާއީ ގޮތުން ގިނަ ކަންތައްތައް ވަނީ ފާހަގަކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދު ސުޕްރީމް ކޯޓުން އަދިވެސް އެކުލަވާލާފައިނުވާތީ އެ ގަވާއިދު އެކުލަވައި ނިމެންދެން އެ ޝަރީއަތް މެދުކަނޑާލުމަށް މައުމޫން ހަމީދު އެދިވަޑައިގަތެވެ.

އެ އިޖުރާއީ ނުކުތާގެ ރައްދުގައި ދައުލަތުގެ ވަކީލާ ރީޝާ ވިދާޅުވީ އެގޮތަށް އަމަލުކުރާނަމަ ރާއްޖޭގައި ހިންގާ ޖިނާއީ ހުރިހާ މައްސަލަތަކުގެ ޝަރީއަތްތައް ވެސް ހުއްޓާލަންޖެހޭނެ ކަމަށެވެ. އެގޮތަށް އަމަލުކޮށްފި ނަމަ މުޅި އެ ނިޒާމް ހުއްޓުމަކަށް އަންނާނެ ކަމަށް ރީޝާ ވިދާޅުވި އެވެ.

ރީޝާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަންޖެހޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ އެ ގާނޫނު ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އަމަލުކުރުން ފަސްކުރީ ކަމަށާއި އެހެންކަމުން ގާނޫނު ފާސްކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށެވެ.

comment ކޮމެންޓް