ގަތަރުގެ ހައްޖުވެރިންނަށް ސައުދީ އަރަބިއާގެ ބޯޑަރު ހުޅުވާލަނީ

ސައުދީ އަރަބިއާއިން ވަނީ ގަތަރުގެ ހައްޖުވެރިންނަށް ބޯޑަރު ހުޅުވާލާނެ ކަމަށް ބުނެފައި -- ފޮޓޯ: އޭޕީ

ރިޔާދު (އޮގަސްޓް 17): ގަތަރުގެ ހައްޖުވެރިންނަށް ޓަކައި ސައުދީ އަރަބިއާގެ އެއްގަމު ބޯޑަރު ހުޅުވާލާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ސައުދީ ޕްރެސް އޭޖެންސީގައިވާ ގޮތުން އިލެކްޓްރޯނިކް ހުއްދައަކާ ނުލައި ގަތަރުގެ ހައްޖުވެރިންނަށް ސަލްވާ ބޯޑަރު ހުރަސް ކުރެވޭނެ އެވެ.

އަދި ދޯހާ އެއާޕޯޓުގައި ތިބި ގަތަރުގެ ހުރިހާ ހައްޖުވެރިން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދުގެ ހަރަދުގައި ސީދާ ޖިއްދާ އެއާޕޯޓަށް ގެނައުމަށް ރަސްގެފާނު އަމުރު ކުރެއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ގަތަރުން ޓެރަރިޒަމަށް ތާއިދު ކުރާ ކަަމަށް ބުނެ ސައުދީ އަރަބިއާ، މިސްރު، ބަހްރެއިން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން މިދިޔަ ޖޫން މަހު އެގައުމާ ގުޅުން ކަނޑާލި އިރު، އެގައުމުތަކުން ވަނީ ގަތަރާ ދެމެދު އެއްގަމާއި ވައިގެ މަގުންވެސް ދަތުރުކުރުން ހުއްޓާލާފަ އެވެ.

އަދި މިދިޔަ މަހު ސައުދީ އަރަބިއާ އިން ވަނީ ގަތަރުގެ ހައްޖުވެރިންނަށް ހާއްސަކޮށް ގަވާއިދުތަކެއް އިއުލާންކޮށްފަ އެވެ. އެގޮތުން ގަތަރުގެ ރައްޔިތުންނަށް ސައުދީ އަށް ވަދެވޭނީ އެގައުމުން ހުއްދަދޭ އެއާލައިންތަކަށް އެކަނި ކަމަށާއި އެ ބޯޓުތައް އަންނަން ޖެހޭނީ ދޯހާ އެއާޕޯޓުން އެކަނި ކަމަށް ސައުދީން ބުނެފައިވެ އެވެ.

ނަމަވެސް ގަތަރުން ވަނީ އެގައުމާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، ސައުދީ އަރަބިއާ އިން ދަނީ ހައްޖު ސިޔާސީ ކަމަކަށް ހަދަމުން ކަމަށް ތުހުމަތުކޮށްފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް