ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދަނީ

މެއި 5، 2016: ހިއުމަން ޓްރެފިކިން އާ ދެކޮޅަށް ޝަރުއީ ދާއިރާއިން ބޭއްވި ސެމިނާގައި މެޖިސްޓްރޭޓުން އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަަށް ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަނޑިޔާރުން ބެނުންވަނީ އެއިން ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ކަމަށެވެ.

ފަނޑިޔާރު ކަމަށް އެދި ކުރިމަތިލާ ފަރާތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގެ ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ގާޒީއެއްގެ އަސާސީ މުސާރައާއި އެލަވަންސްތަކާ އެކު ޖުމްލަ 48،000 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ގާޒީ ކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 10 ވަނަ ދުވަހެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންގެ މަގާމު ހުސްވެފައިވަނީ އެކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް އަދި ގާޒީ އަހުމަދު ޝަކީލު ފެމިލީ ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް