ހިއްސާގެ ބާޒާރު ދަންނަމުތަ؟

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ހަސަން މަނިކު (މ) އަދި ހެޑް އޮފް ސްޓޮކް އެކްސްޗޭންޖް އޮޕަރޭޝަންސް ފާތިމަތު ލަމްހާ (ކ) --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

އެކި ކުންފުނިތައް ހިއްސާގެ ބާޒާރުގައި ލިސްޓުވެ، "ޕަބްލިކް ކުންފުނި"ތަކަކަށް ބަދަލުވެއެވެ. އަދި އާންމުންނަށް އެކުންފުނިތަކުގެ އޯނަޝިޕް ނުވަތަ ދަރަނި ވިއްކައިގެން، އާންމުންގެ ފަރާތުން ކެޕިޓަލެއް ރެއިޒްކުރެއެވެ. މި ކަންކަން ހިނގަނީ ބާޒާރެއްގެ ތެރެއިންނެވެ. ހިއްސާގެ ބާޒާރެވެ.

ރާއްޖޭގައިވެސް ހިއްސާގެ ބާޒާރެއް އޮވެއެވެ. އެއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)އެވެ. އެމްއެސްއީގެ މަސައްކަތްތަކާއި ޚިދުމަތް ވަރަށްވެސް މުހިންމެވެ. ނަމަވެސް ގިނަ ބަޔަކަށް އެ މުހިންމުކަން އޮޅުމެއް ނުފިލައެވެ. އެތަނުގެ މަސައްކަތްތަކެއްވެސް ނޭނގެއެވެ. ނުވި ތަނުގައި، ހިއްސާގެ ބާޒާރު ހިނގާ ގޮތެއްވެސް ނޭނގެއެވެ.

ހިއްސާގެ ބާޒާރަކީ، ކުންފުނިތަކުން ފައިނޭންސް ހޯދުމަށްޓަކައި އާންމުންގެ އެހީ ހޯދުމަށް އަންނަ ޕްލެޓްފޯމެވެ. އެ ކުންފުންޏަކުން ހިއްސާއެއް، ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކަން އެދޭނަމަ އެކަން ހިއްސާގެ ބާޒާރުގެ އެހީގައި ކުރެވޭނެއެވެ. ސަބަބަކީ، ހިއްސާގެ ބާޒާރަކީ ހިއްސާއާއި ބޮންޑު ފަދަ އިންސްޓްރުމެންޓްތައް ވިއްކާ ކުންފުނިތަކާއި، ގަންނަ ފަރާތްތައް ބައްދަލުވާ ޕްލެޓްފޯމް ކަމަށް ވާތީއެވެ.

"މީގައި އެކުލެވެނީ ފައިސާ ހޯދަން ބޭނުންވާ ކުންފުނިތަކާއި، އިންވެސްޓްކުރަން ބޭނުންވާ އިންޑިވިޖުއަލްސްއާ މެދުވެރިކޮށްދޭ ރޯލު. އެމްއެސްއީ، އޮންނަނީ މިކަމަށް ރަސްމީ މެކޭނިޒަމެއް ގާއިމު ކުރުމަށް،" މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ހަސަން މަނިކު ވިދާޅުވިއެވެ.

"ލާރި ބޭނުންވާ ފަރާތްތަކަކަށް ނޭނގޭނެ ދެއްތޯ ކޮން ބައެއްގެ އަތުގައި ކަމެއް ލާރި ހުރީ. އެ އެއްޗެހި ޕަބްލިކަށް ޕްރޮސްޕެކްޓަހެއްގެ ގޮތުގައި ނެރެގެން، ފައިނޭންސް ރައިޒް ކުރާނީ."

ރާއްޖޭގައި ހިއްސާގެ ބާޒާރު ވަރަށްވެސް ޅައެވެ. އެ ބާޒާރުގައި ލިސްޓުކޮށްފައި ވަނީ އެންމެ އަށެއްކަ ކުންފުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އެކިއެކި ވިޔަފާރި ކުރާ ކުންފުނިތަކެވެ. އަމިއްލަ ކުންފުންޏެއްގެ ގޮތުގައި އޮވެ، ރާއްޖޭގައި އާންމުންނަށް ހިއްސާ ވިއްކާފައިވަނީ އެންމެ ދެ ކުންފުންޏެކެވެ. ހިއްސާ ނޫން އެހެން މާލީ އިންސްޓްރުމެންޓެއް ވިއްކާފައިވަނީ އެންމެ ކުންފުންޏެކެވެ. އަދި އިސްލާމިކް ފައިނޭންސްގެ އިންސްޓްރުމެންޓެއްވެސް ވިއްކީ އެންމެ ކުންފުންޏެކެވެ.

ހިއްސާގެ ބާޒާރު "ޅަފަތުގައި" މިހާރު އޮތް ހާލަތުން ކޮޅަށް ނަގައި، ހިނގަން ފަށަން ޖެހެއެވެ. ސަބަބަކީ، ހިއްސާގެ ބާޒާރުގެ އެކްޓިވްކަމަކީ އިގްތިސާދީ މިސްރާބުވެސް ދާ ދިމާ ދައްކައިދޭ ވަސީލަތަކަށް ވާތީއެވެ. ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ އަތުގައި. އެކިއެކި ޕަބްލިކް ކުންފުނިތަކުގެ ހިއްސާ އޮވެދާނެއެވެ. ނަމަވެސް މިއިން ހިއްސާތަކެއް ގަނެވިއްކުމުގެ އެއްވެސް ކަމެއް ނުހިންގައެވެ. މިކަން ހިނގާ ގޮތް އާންމުންނަށް މާ ބޮޑަކަށް ނޭނގޭތީއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ވިދާޅުވި ގޮތުގައި، ސްޓޮކް މާކެޓެއް ތަރައްގީވުމަށް ތިން ކަމެއް އޮންނަން ޖެހެއެވެ. އެއީ އިންވެސްޓަރުންނާއި، ކުންފުނިތަކާއި ހަރުދަނާ ނިޒާމެކެވެ.

"ކުންފުނިތަކުން އިޝޫކުރަން ނާންނާނެ އިންވެސްޓަރުން ނެތިއްޔާ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި ތިން ކަންތައް މިވަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައެވެ. ރާއްޖޭގެ ކުޑަކުޑަ އިގްތިސާދާ އަޅާ ބަލާއިރު، އަމިއްލަ ފަރާތްތަކުން ބޮޑެތި ބިޔަ އިންވެސްޓްމެންޓްތައް ކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތައް ހިމެނެއެވެ. ނަމަވެސް ކުންފުންޏަކުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ހިއްސާ ވިއްކައިގެންވެސް، ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރެވޭނެ ވަރުގެ ފައިސާއެއް ރެއިޒެއް ނުކުރެވެއެވެ. މިކަމަށް ހައްލެއް ހޯދައި، ދިވެހި ކުންފުނިތަކަށް ފައިސާ ހޯދުމަށް އެހެން ފުރުސަތުތައް ދިނުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވަނީ އިންޑިއާ ކަނޑު ސަރަހައްދުގެ ދެ ސްޓޮކް އެކްސްޗޭންޖަކާ އެކު އެމްއޯޔޫ ހަދައިފައެވެ.

"ކޮލޮމްބޯ އަދި މޮރިޝަސް ސްޓޮކް އެކްސްޗޭންޖާ އެކު އެމްއޯޔޫއަކަށް އެންޓަރ ކޮށްފައިވޭ. އޭގެ ދަށުން އެމްއެސްއީއިން ފެސިލިޓޭޓު ކޮށްދޭނެ ރާއްޖެއާ އެކު، އެ ދެ ގައުމުގައިވެސް އެއްފަހަރާ ކުންފުނި ލިސްޓު ކުރެވޭނެ ގޮތެއް ހެދޭނެ. އޭރުން ރެއިޒްކުރަން ބޭނުންވާ ފައިސާގެ އެއްބައި ރާއްޖެއިން ހޯދާފައި، ބާކީ ބައި މޮރިޝަސް ނުވަތަ ކޮލޮމްބޯއިން ހޯދޭނެ،" ހަސަން މަނިކު ވިދާޅުވިއެވެ.

ޅަފަތުގައި އޮތް ހިއްސާގެ ބާޒާރު ހިނގައިގަތުމާ ހަމައަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިކަމުގައި މިވަގުތު އެންމެ މުހިންމީ، ހިއްސާގެ ބާޒާރާއި މާލީ ދާއިރާއާ ބެހޭ ގޮތުން މައުލޫމާތު ހޯދައި، އޮޅުން ފިލުވުމެވެ.

comment ކޮމެންޓް