އެޗްޑީސީން އިސްނަގައިގެން ދުވަސްވީ މީހުނަށް ހަވީރެއް ބާއްވަނީ!

ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ހަވީރު އެޗްޑީސީން ބާއްވާ އިސް ރަށްވެހީންގެ ހަވީރެއް ކުރިއަށް ދާނެ --ސަން ފައިލް ފޮޓޯ: މުހަންމަދު އަފްރާހް

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ދުވަސްވީ މީހުނަށް ހާއްސަކޮށްގެން "ތަޖުރިބާ ސިކުނޑިތަކެއް" މި ޝިއާރުގެ ދަށުން އިސް ރަށްވެހީންގެ ހަވީރެއް، މާދަމާ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާގޮތަށް ނިންމައިފިއެވެ.

އެޗްޑީސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު އަހުމަދު ފާތިހު ވިދާޅުވީ، މާދަމާ ހަވީރު 4:00 އިން 6:00 އަށް ކުރިޔަށްގެންދާ ހަވީރުގެ މަގްސަދަކީ އުމުރުން ދުވަސްވީ މީހުންނަކީވެސް މުޖުތަމައުގައި މުހިއްމު ރޯލެއް އަދާކުރާ، ތަޖުރިބާ ހުރި، ބޭނުންތެރި ސިކުނޑި ތަކެއްކަން އަންގައިދިނުން ކަމަށެވެ.

މާދަމާގެ އެ ހަވީރުގައި ދުވަސްވީ މީހުންނަސް ހާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލް އާ ގުޅިގެން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ކުރިޔަށް ގެންދާނެ ކަމަށް ވެސް ފާތިހް ވިދާޅުވިއެވެ. އަދި ފިޓް ޒޯންގެ ފަރާތުން ކަސްރަތު ކުރާނެ ގޮތް ދަސްކޮށްދިނުމާއި ޑައިޓް ޕްލޭންތައް ބަހަށްޓަން ވީގޮތުގެ މައުލޫމާތު ދެވިގެންދާނެކަމަށް ފާތިހް ވިދާޅުވިއެވެ.

މީގެ އިތުރުން ފޮޓޯނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯނަރެއް ހުންނާނެކަމަށާއި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ދައްކާލުމުގެ ޕްރޮގްރާމެއްވެސް މާދަމާގެ ހަވީރުގައި ކުރިއަށްދާނެކަމަށް އެޗްޑީސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު ވިދާޅުވިއެވެ.

މާދަމާގެ ހަވިރު ބޭއްވުމުގައި ހުޅުމާލެ ހޮސްޕިޓަލް، އެމްޓީސީސީ، އެސްޓީއޯ އަދި ފިޓްޒޯން އިން ބައިވެރިވާކަން އެޗްޑީސީއިން ފާހަގަ ކުރެއްވިއެވެ. އަދި މި ހަވީރުގައި މާލެ، ވިލިމާލޭގައި ދިރި އުޅޭ މީހުނަށްވެސް ބައިވެރިވެވޭނެކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.

އިސް ރަށްވެހީންގެ ހަވީރުގެ އިތުރުން މާދަމާ މީރާއިންނާއި ސަރުކާރުގެ އެކި އޮފީސްތަކުން ބައިވެރިވެގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ތިކުދިންގެ ހަވީރުގައިވެސް އެޗްޑީސީގެ ސްޓޯލެއް ހުންނާނެކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

comment ކޮމެންޓް