ހަޒާޑަކީ ބެލޮންޑިއޯ ހޯދޭނެ ފެންވަރު ކުޅުންތެރިއެއް: ނައިންގޯލާން

ޗެލްސީގެ ބެލްޖިއަމް ތަރި ހަޒާޑް: އޭނާއަކީ ދުނިޔޭގެ އެންމެ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ނައިންގޯލާން ގަބޫލުކުރޭ ---

ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަކީ ފީފާ ބެލެންޑިއޯ ހޯދޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް އޭނާގެ އިންޓަނޭޝަނަލް ޓީމް މޭޓް ރާޑިއާ ނައިންގޯލާން ބުނެފިއެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައި ޗެލްސީން ހޯދި ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ހަޒާޑެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ޕްރިމިއާ ލީގު 2014-15 ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އޭނާ ހޮވުނެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 2008އިން ފެށިގެން ކޮންމެ އަހަރަކު ވެސް ހޯދަމުންދިޔައީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަތަ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.

ހަޒާޑާ ގުޅޭގޮތުން ރޯމާގެ މިޑްފީލްޑަރު ނައިންގޯލާން ބުނީ، ރޮނާލްޑޯ އަދި މެސީގެ މައްޗަށް ކުރި ހޯދައި ހަޒާޑަށް ބެލޮންޑިއޯ އެވޯޑު ހޯދޭނެ ފެންވަރު ހުރި ނަމަވެސް އޭނާ ޖަހާ ލަނޑުގެ އަދަދު އިތުރުކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ ހަޒާޑަކީ އެވޯޑު ހޯދުމުގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށް. އޭނާ އަކީ ހުނަރުވެރި ކުޅުންތެރިއެއް، ވަރަށް މޮޅު ކުޅުންތެރިއެއް. ނޭމާ، ރޮނާލްޑޯ އަދި މެސީގެ ތަފާތަކީ އެ ކުޅުންތެރިން ހަޒާޑަށްވުރެ ގިނަ ލަނޑު ޖަހާކަން،" އޭނާ ބުންޏެވެ.

ނައިންގޯލާން ބުނީ، އެ ކުޅުންތެރިންނާއި ހަޒާޑާ ދެމެދު އޮތް ހަމައެކަނި ތަފާތަކީ ލަނޑުގެ އަދަދު ކަމަށާއި ހަޒާޑަކީ ދުނިޔޭގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.

ހަޒާޑު ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި 16 ލަނޑު ކާމިޔާބުކޮށްދީ، އެ ޓީމަށް ލީގު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް