ބާސާ ހިތްދަތި ކޮށްލުމަށްފަހު، ރެއާލުން ސްޕެނިޝް ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފި

ސްޕެނިޝް ސުޕާ ކަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް: ރެއާލުން ޗެމްޕިއަންކަން ހޯދީ ދެ ލެގުގައި ވެސް ބާސާ ބަލިކޮށްގެން ---

ބާސެލޯނާ ހިތްދަތި ކޮށްލުމަށްފަހު، ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ މެންދަމު ކުޅުނު ސްޕެނިޝް ސުޕަރ ކަޕްގެ ދެވަނަ ލެގު މެޗުގައި ބާސާގެ މައްޗަށް ރެއާލުން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރެއާލް ޗެމްޕިއަންކަން ހޯދީ 5-1 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.

ރެއާލުން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރުމުގެ ކުރިން އެ ޓީމުން ވަނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޔޫއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ފަސް މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލަމުންދާ ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗު ބެލުމަށް ދަނޑަށް ހާޒިރުވިއެވެ. އެ މެޗުގައި ރެއާލުގެ ޓީމުގެ ބެންޗުން ވޭލްސް ތަރި ގެރެތު ބޭލް ފެނުނު ނަމަވެސް، އޭނާ ކުޅެން އަރާފައެއް ނުވެއެވެ.

ސްޕެނިޝް ސުޕަރ ކަޕްގެ ދެވަނަ ލެގު މެޗުގެ ހަވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ހޯދުމަށްފަހު ބާސާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރީ 38 ވަނަ މިނެޓުގައެވެ. މާސެލޯ ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރީތިކޮށް ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ޖުމްލަކޮށް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ރެއާލް އަދި ބާސާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ރެއާލްގެ ބެންޒެމާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.

comment ކޮމެންޓް