ޗައިނާގެ ހަތަރު ކުންފުންޏަކުން ރާއްޖޭގައި ހަ ރިސޯޓް ހަދަމުން އެބަދޭ: ޗައިނާ ސަފީރު

އަލަށް ހުޅުވި އޭޕްރަން މިނިސްޓަރު ޒަމީރާއި ޗައިނާގެ އެމްސެޑަރު ރިބަން ފަށް ކަނޑާލަނީ: ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާގެ ހަތަރު ކުންފުންޏަކުން ރާއްޖޭގައި ހަ ރިސޯޓެއް މިހާރު ވެސް ހަދަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފުކާން ވިދާޅުވެއްޖެއެވެ.

ސަފީރު ކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން ހޮޓެލް ޖެންގައި ރޭ ބޭއްވި ވަދާއީ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސަފީރު ވަންގް ވިދާޅުވީ، ރާއްޖެއާ ޗައިނާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެފައިވާ ކަމަށެވެ.

އެގޮތުން މިހާރު ވެސް ޗައިނާގެ ހަތަރު ކުންފުންޏަކުން ރާއްޖޭގައި ހަ ރިސޯޓެއް ތަރައްގީ ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކަށް ދީފައިވާ އެއް ރަށަކީ ކ. ފޭދޫ ފިނޮޅެވެ. އެތަން ތަރައްގީ ކުރުމަށް ހުޅުވާލުމާއެކު ކުރިމަތިލި ޗައިނާގެ ކުންފުންޏަށް އެތަން ވިއްކާލާފައިވަނީ ހަތަރު މިލިއަން ޑޮލަރަށް (61.6 މިލިއަން ދިވެހި ރުފިޔާ) އަށެވެ.

އޭގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ކަމުގައި އަހުމަދު އަދީބު ހުންނެވިއިރު ޗައިނާގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ރިސޯޓްތަކެއް ހެދުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)އާއެކު ވަނީ 2015 ވަނަ އަހަރު އެއްބަސްވެފައެވެ.

ރާއްޖޭގައި މުހިއްމު މަޝްރޫއުތަކެއް ހިންގަމުން އަންނަ އެ ކުންފުންޏަށް ރިސޯޓް ހަދަން އެންމެ ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ ތ. ކަޅުފަހަލަފުއްޓެެވެ. ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށް ވިއްކާލީ ރިސޯޓް ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން ގިނަ ދުވަސްވެ، ނުހެދި އޮތް ރަށަކަށްވާތީ ކަަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

ކަޅުފަހަލަފުށީގެ އިތުރުން ސީމެކް އިން ސްރީ ލަންކާގެ ކުންފުންޏަކާ ގުޅިގެން މާލެ އަތޮޅުގެ ތިން ފަޅެއް ހިއްކައިގެން ތިން ރިސޯޓެއް ތަރައްގީކުރުމުގެ 150 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ވަނީ ފަށާފައެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ލަފާކޮށްފައިވާ އެ ތިން ރިސޯޓުގެ ތެރޭގައި ހިމެނެނީ ފަސް ތަރީގެ ރިސޯޓަކާއި ހަތަރު ތަރީގެ ދެ ރިސޯޓެވެ. އަދި ތިން ރިސޯޓުގައި ޖުމްލަ 470 ކޮޓަރި ހިމެނޭނެ އެވެ.

އޭގެ އިތުރުން، ޕިިކްނިކް އައިލެންޑެއް ހިންގަމުން އައި ވ. ކުނާވަށީގައި ހަދާ ރިސޯޓް ޕްރޮޖެކްޓެއް ވެސް 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާފައިވެއެވެ.

އެ ރިސޯޓް ހިންގަނީ ޗައިނާގެ ގުއާންގް ޑޮންގް އިންޖިނިއަރިންނާއި ދިވެހި ބަޔަކު ގުޅިގެން އުފައްދާފައިވާ ސީޖޭއެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

ނަމަވެސް ފޭދޫ ފިނޮޅު ހިމެނޭ ގޮތަށް ވ. ކުނާވަށި، ތ. ކަޅުފަހަލަފުށި އަދި ތިން ފަޅެއް ހިއްކައިގެން ތަރައްގީ ކުރާ ތިން ރިސޯޓާ ގުޅޭ ފަހުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް