މާފުށީގެ އެންމެ މޮޅު ދަރިވަރަކަށް ރައުހާ

މާފުށީގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރައުހާ އަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ މާފުށީ ސްކޫލް

މާފުށީ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން ރައުހާ އިބްރާހިމް ހޮވިއްޖެއެވެ.

މާފުށީ ސްކޫލުގެ ގްރޭޑް 10އޭގައި ކިޔަވަމުންދިޔަ ރައުހާ އަކީ ސްކޫލުގެ ކެޕްޓަންގެ އިތުރުން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން އަދި ޕްރިފެކްޓުގެ މަގާމު ފަދަ އިސް މަގާމުތައް މީގެ ކުރިން އަދާކޮށްފައިވާ ކުޅިވަރަށް ވެސް މޮޅު ދަރިވަރެކެވެ.

އޭގެ އިތުރުން އޭނާ ވަނީ ޖީސީއީ އޯލެވެލްގައި ހެދި އަށް މާއްދާގެ ތެރެއިން އެއް މާއްދާއިން އޭ ސްޓާ އަދި އަނެއް ހަތް މާއްދާއިން އޭ ފާސް ހޯދައިގެން ޓޮޕް އެޗީވާސް އެވޯޑުގެ ގައުމީ ލެވެލް އިން އެއްވަނަ އަދި ސްކޫލް ލެވެލް އިން ވެސް އެއްވަނަ ހޯދާފައެވެ.

މާފުށީގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރައުހާ އަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ މާފުށީ ސްކޫލް

އަދި އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދި މާފުށީ ޓީމުގެ ކެޕްޓަނެއްގެ މަގާމު ވެސް އޭނާ އަދާކުރިއިރު އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

ރޭ މާފުށި ސްކޫލުގައި ބޭއްވި ސްކޫލުގެ އަހަރީ ޖަލްސާގައި އޭނާއަށް އެވޯޑް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ރޭގެ ރަސްމިއްޔާތުގައި ކުލާސް ވަނަތަކާއި އެކި މާއްދާތަކުން މޮޅެތި ކުދިންނާއި އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދީފައިވާއިރު ޔުނީފޯމް ހަރަކާތްތަކުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންނަށް ވެސް އެވޯޑް ދިނެވެ.

މާފުށީގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރައުހާއާއެކު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް (ކ) --- ފޮޓޯ/ މާފުށީ ސްކޫލް

މާފުށީގައި ރަސްމީކޮށް ތައުުލީމް ދޭންފެށީ ފުރަތަމަ ޖުމުހޫރިއްޔާގެ ދުވަސްވަރުއެވެ. އޭގެފަހުން ތައުލީމީ ސިޔާސަތު ތަކަށްއައި ބަދަލު ތަކާއި ގުޅިގެން މަކުތަބުލް މަނާރުގެ ނަމުގައި 1972 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު މަކުތަބެއް ރަޖިސްޓްރީ ކުރިއެވެ.

އެ މަކުތަބު، ކާފު އަތޮޅު މަދަރުސާގެ ނަމުގައި 1979 ވަނަ އަހަރު ނޮވެމްބަރު 10 ވަނަ ދުވަހު ރަށުގައި ހުޅުވިއެވެ. އަދި އަތޮޅު މަދަރުސާގެ ނަމުގައި ހަ އަހަރު ހިންގުމަށްފަހު ކާށިދޫއަށް އަތޮޅު މަދަރުސާ ބަދަލު ކުރުމާ ގުޅިގެން 1986 ވަނަ އަހަރުން ފެށިގެން އެ ސްކޫލް ހިންގަމުންދިޔައީ މާފުށީ މަދަރުސާގެ ނަމުގައެވެ.

ނަމަވެސް 2002 ވަނަ އަހަރު ކެބްރިޖް އޯލެވެލް އިމްތިހާން ހަދަން ފެށުމާއެކު މަދަރުސާގެ ނަން މާފުށީ ސްކޫލަށް ބަދަލުކުރިއެވެ.

އެ ސްކޫލުގައި މިހާރު ގްރޭޑް އެކަކުން 12 އަށް ކިޔަވައިދެމުން އަންނަ މާފުށީ ސްކޫލުގައި މިދިޔަ އަހަރު 362 ދަރިވަރުން ކިޔެވިއެވެ. އަދި މިދިޔަ އަހަރު މުޅި ސްކޫލުގެ ދަރިވަރުން ހޯދި ނަތީޖާ އޭގެ ކުރީ އަހަރަށްވުރެ ވަރަށް ބޮޑުތަން ވަނީ ރަނގަޅުވެފައެވެ.

މާފުށީ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ މާފުށީ ސްކޫލް

އެގޮތުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި ކުދިން ފަސް މާއްދާއިން ފާސްވި ޕަސެންޓް 79.17 އަށް އެރިއިރު، ތިން މާއްދާއިން 100 ޕަސެންޓް ވަނީ ފާސްވެފައެވެ. އަދި އޯލެވެލް އިމްތިހާނުގައި މާފުށީގެ ތިން ދަރިވަރަކު ހިމެނިފައިވެއެވެ.

އެ ދަރިވަރުންނަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރައުހާ އިބްރާހިމް އާއި ޓޮޕް އެޗީވާސް އެވޯޑް އިން ގައުމީ ފެންވަރުގައި ދެވަނަ ހޯދި މުހައްމަދު ސާލިމް މުސްލިމް އަދި ޓޮޕް އެޗީވާސް އެވޯޑް އިން ގައުމީ ފެންވަރުގައި ހަ ވަނަ ހޯދި އަލީ އުޒެއިރު މުހައްމަދެވެ.

comment ކޮމެންޓް