ރޮނާލްޑޯގެ ސަސްޕެންޝަން އިސްތިއުނާފް ރެއާލަށް ކާމިޔާބެއް ނުވި

ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަސްޕެންޝަން އުވާލަދިނުމަށް އެދި ހުށަހެޅި މައްސަލަ ރެއާލް މެޑްރިޑަށް ކާމިޔާބެއް ނުވި -- ފޮޓޯ: ގެޓީ

ކްރިސްޓިއާނޯ ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑު ކުރުމަށް ރޯޔަލް ފުޓްބޯލް ފެޑެރޭޝަން (އާރްއެފްއެފް)އިން ނިންމާފައިވާ ނިންމުން، ރެއާލް މެޑްރިޑުން އިސްތިއުނާފަށް ހުށަހެޅުމުން ވެސް އެ މައްސަލަ ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ރެއާލްގެ ޕޯޗްގަލް ތަރިއަށް ފަސްމެޗުގެ ސަސްޕެންޝަނެއް ދީފައި ވަނީ، ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގުގައި ބާސާ އަތުން 3-1 ލަނޑުން ރެއާލް މޮޅުވި މެޗުގައި، ދެ ރީނދޫ ކާޑާއެކު އޭނާއަށް ދެއްކި ރަތްކާޑާއި، އަދި މެޗުގެ ރެފްރީ ރިކާޑޯ ޑި ބުރްގޯސް ކޮށްޕާލި މައްސަލައާ ގުޅިގެންނެވެ.

ސްޕެނިޝް އެފްއޭގެ ގަވާއިދުގައި ވާގޮތުން، ރޮނާލްޑޯ ކުރި ކުށަށް 12 މެޗުގެ ސަސްޕެންޝަނެއް ދެވެން އޮތް ނަމަވެސް، އާރްއެފްއެފް އިން ނިންމީ ރޮނާލްޑޯއަށް ވީ އެންމެ ލުއި ސަސްޕެންޝަނެއް ދިނުމަށެވެ.

ސަންތިއާގޯ ބެރްނަބެއުގެ ކްލަބުން، އެ ކްލަބުގެ ސްޕަރ ސްޓާގެ ސަސްޕެންޝަން އުވާލަދިނުމަށް އެދި އެފްއޭއަށް ހުށަހެޅުމުން، މިއަދު އެ މައްސަލަ ބެލުމަށް ފަހު ނިންމުން ބަދަލުކުރެވެން ނެތްކަމަށް ކްލަބަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާނައަކީ، މިރޭ ސަންތިއާގޯ ބެރްނަބެއުގައި ބާސާއާ ދެކޮޅަށް ރެއާލް ކުޅޭ ސްޕެނިޝް ސުޕަރ ކަޕްގެ ދެވަނަ ލެގުގައި ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ.

ރޮނާލްޑޯގެ ސަސްޕެންޝަނާ ގުޅިގެން އޭނާއަށް މި ސީޒަންގެ ލަ ލީގާގެ ފުރަތަމަ މެޗުތަކުގައި ވެސް ނުކުޅެވޭނެއެވެ. އެހެންކަމުން ލަ ލީގާގައި ޑިޕޯޓިވޯ ލަ ކޮރޫނާ، ވެލެންސިއާ، ލެވަންޓޭ އަދި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުތައްވެސް އޭނާއަށް ގެއްލޭނެއެވެ.

comment ކޮމެންޓް