ވީއޭއެމް އެކްސްކޯގެ ފަސް މެންބަރަކު އިސްތިއުފާ ދީފި

ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިންތިހާބުވި މެންބަރުން: ދުވަސްކޮޅެއްގެ ތެރޭގައި އަސާސީ ގަވާއިދަށް ބަދަލު ގެނެސް، އެކްސްކޯއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވޭ --- ސަން ފައިލް ފޮޓޯ/ މުއާވިޔަތު އަންވަރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެގްޒެކެޓިވް ކޮމިޓީގެ ފަސް މެންބަރަކު އިސްތިއުފާ ދީފިއެވެ.

'ސަން ސްޕޯޓްސް'އަށް ކަށަވަރުވެފައިވާ ގޮތުގައި، ވީއޭއެމްގެ އެކްސްކޯއިން އިސްތިއުފާ ދިން ފަސް މެންބަރުންނަކީ މުހައްމަދު ސާޖިދު (ކާއްޓޭ)އާއި، މުހައްމަދު ޝަރަފާއި، މުހައްމަދު ޝާފިއު (ޝާފީ)އާއި، އަލީ ލަތީފް (އައްލަ) އަދި އަބްދުﷲ ނަޝީދު (އަބުޅޯ)އެވެ.

އިތުބާރުހުރި ފަރާތަކުން ސަން ސްޕޯޓްސްއަށް ވިދާޅުވީ، އެ މެންބަރުން އިސްތިއުފާ ދީފައިވަނީ އިންޓަ ރިސޯޓް ވޮލީ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލު މެޗާ ގުޅޭ ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ ރަސްމީ ކޮމެންޓެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޒޯން ފަހެއްގެ ފައިނަލް މެޗު ސޮނެވާފުށީގައި އިއްޔެ ކުޅުމަށް ހަމަޖެހުނު ނަމަވެސް ވީއޭއެމްގެ އިސްވެރިން އެ ރަށަށް ނޭރުވުމުން ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފައިނަލް މެޗު އެ ރަށުގައި ނުބާއްވައި، އަނަންތަރާގައި މިއަދު އެ މެޗު ކުޅުމަށް ނިންމިއެވެ.

ވީއޭއެމްގެ އިސްވެރިންނަށް ސޮނޭވާފުށްޓަށް ނޭރޭގޮތަށް ނިންމީ ސޮނޭވާ ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)ގެ އެންގުމުގެ މަތިން ކަމަށް މައުލޫމާތު ލިބޭއިރު، ޑިސިޕްލިނަރީ ކޮމިޓީގެ ބައްދަލުވުމަކަށްފަހު ސަތޯއަށް ފައިނަލު މެޗުގައި ބައިވެރިނުވެވޭގޮތަށް ނިންމިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފަސް މެންބަރުން އިސްތިއުފާ ދީފައިވަނީ، ސަތޯގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ފައިނަލް މެޗުގައި އޭނާއަށް ބައިވެރިވެވޭގޮތަށް ވީއޭއެމްއިން ނިންމުމުންނެވެ.

ވީއޭއެމްގެ އެކްސްކޯގެ ފަސް މެންބަރަކު އިސްތިއުފާ ދިން ނަމަވެސް، އަސާސީ ގަވާއިދަށް މިއަހަރު ގެނައި ބަދަލުތަކަށް ބަލާނަމަ އަލުން އިންތިހާބަކަށް ދާކަށް ނުޖެހޭނެއެވެ. އެ ގަވާއިދުގައިވާ ގޮތުން އެކްސްކޯއަށް ނަގާ މެންބަރުންނަކީ ރައީސް އިންތިހާބުކުރާ މެންބަރުންނަށްވީ ހިނދު، ރައީސްގެ މަގާމު ގެއްލި އަލުން އިންތިހާބަކަށް ދާ ހާލަތެއް މެދުވެރިއެއް ނުވާނެއެވެ. ނަމަވެސް ކުރީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި އެކްސްކޯގެ މެޖޯރިޓީ މެންބަރުން އިސްތިއުފާދީފިނަމަ، އިންތިހާބަކަށް ދާން ޖެހޭނެއެވެ.

މި އަހަރު ކުރީކޮޅު ވީއޭއެމްގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައީ ވީއޭއެމްގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ލަތީފް ކުރިމަތިލި ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރުކަމުން އޭނާ ވަކިކުރުމާ ގުޅިގެން އޭނާގެ މަގާމު ގެއްލޭނެ ކަމަށް ވާހަކަތައް ދެކެވެމުން ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

އޭގެ އިތުރުން ލަތީފް ވަނީ ވީއޭއެމްގެ އިތުރު ކޮމިޝަންތަކެއް އުފައްދައި، އެކްސްކޯގެ މެންބަރުންގެ އަދަދު އިތުރުކުރުމާއެކު އިންތިހާބީ ނައިބު ރައީސް އިއްޒަތު ވަހީދު ވަކިކޮށްފައެވެ.

comment ކޮމެންޓް