ހުޅުމާލެއިން ޕެޓްރޯލާއި ޑީސަލް އެންމެ އަގުހެޔޮކޮށް ލިބޭނީ އެފްއެސްއެމްގެ ޝެޑުން

އެފްއެސްއެމް ގެ ޕެޓްރޯލް ޝެޑް ހުޅުމާލޭގައި ހުޅުވުން --ސަން ފޮޓޯ/މުހައްމަދު އަފްރާހް

ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ޝެޑް (އީޒީ ފިލް 3) ހުޅުމާލޭގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. އެތަނަކީ ހުޅުމާލެއިން އެންމެ އަގުހެޔޮކޮށް ޑީސަލާއި ޕެޓްރޯލު ލިބޭނެތަނެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ފިއުލް ޝެޑް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޕެޓްރޯލް ޝެޑް ހުޅުވާފައި ވަނީ ހުޅުމާލޭ ފެރީޓާމިނަލް ކައިރީ ޗާންދަނީމާ ހިނގުމުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދަކަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ހުޅުމާލޭ ރައްޔިތުންނަށް މިއަދާއި ހަމައަށް މާލެއަށްވުރެ އަގު ބޮޑުކޮށް ޕެޓްރޯލް ލިބެން ހުރިކަމުގައިވިޔަސް މިއަދުން ފެށިގެން މާލެ އާއި އެއް އަގެއްގައި ހުޅުމާލެއިން ވެސް ޕްޓްރޯލާއި ޑީސަލްް ލިބޭނެ ކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި ޕެޓްރޯލް ލިބެން ހުރި އަގަށްވުރެ 20 އިންސައްތަ އަގު ހެޔޮވެގެންދާނެ ކަށް ސަހީރު ވިދާޅުވިއެވެ.

އެފްއެސްއެމްގެ ޝެޑު ހުޅުމާލޭގައި ހުޅުވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޝަހީރު ވިދާޅުވީ ހުޅުމާލޭގައި އެފްއެސްއެމްގެ ފިއުލް ޝެޑްއެއް ހުޅުވުން އެއީ ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ވަރަށް ކުރީއްސުރެ ވެސް އެދެމުން އަންނަ އެދުމެއް ކަމުގަ އެވެ. އަދި ޕެޓްރޯލް އަގު ހެޔޮކުރުމުން ޕެޓްރޯލް ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަށް ހެޔޮ ބަދަލެއް އައުން އެއީ އެސްޓީއޯއިން އުންމީދު ކުރާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ އާއި އެސްޓީއޯ ސަބްސިޑަރީ ކުންފުނިތަކަކީ އާންމު ރައްޔިތުންނަށް ބޭނުންވާ 'ބޭސިކް ނެސިސިޓީޒް' ލުއި ފަސޭހަކޮށް އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް މާތް މަގުސަދެއްގައި އުފައްދާފައިވާ ކުންފުނިތަކެއް. މިގޮތުން އެސްޓީއޯ އާއި އެސްޓީއޯ ސަބްސިޑަރީ ކުންފުނިތަށް އަބަދު ވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނަށް އަގު ހެޔޮކޮށް ރަނގަޅު ގަޮތުގައި ބޭނުންވާ ހިދުމަތްތަށް ފޯރުކޮށް ދިނުމަށް" ސަހީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަމުން އިކޮނަމިކް މިނިސްޓަރު ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަސް ރައީސް ޔާމީނު ވައުދުވެފައިވާ ކަންތަށް ވަރަށް ބާރުމިނުގައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. ހަމައެކަނި މާލޭ ސަރަހައްދުން އެކކަނިވެސް، ނުކުރެވޭނެ ކަމަށް ގަބޫލުކުރި އެތައް ކަމެއް ރައްޔިތުންގެ އިތުބާރާ އެކު ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ މަންފާ ކުރާނި ދިވެހި ރައްޔިތުންނަށް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް