ޕޯޗުގަލްގައި ވެއްޓުނު ގަހަކުން ޖެހި 13 މީހަކު މަރުވެއްޖެ

ޕޯޗުގަލްގެ މަދެއިރާގައި ވެއްޓުނު 200 އަހަރުވީ ގަސް ކައިރީގައި އެމާޖެންސީ ހިދުމަތްދޭ ފަރާތްތަކުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އީޕީއޭ

ލިޒްބަން (އޮގަސްޓް 16): ޕޯޗުގަލްގެ ރަށެއް ކަމަށްވާ މަދެއިރާގައި ވެއްޓުނު ބޮޑު ގަހަކުން ޖެހި 13 މީހަކު މަރުވެ، 49 މީހަކަށް އަނިޔާވެއްޖެ އެވެ.

ދީނީ ހަފްލާއެއް ކުރިއަށް ދަނިކޮށް ވެއްޓުނު އެގަހަކީ 200 އަހަރުވީ ގަހެއް ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. އަދި އެ ހާދިސާގައި ކުޑަ ދެ ކުދިން މަރުވެފައިވާ އިރު އަނިޔާވި މީހުންގެ ތެރޭގައި ޖަރުމަނާއި، ހަންގޭރީ އާއި ފްރާންސަށް ނިސްބަތްވާ މީހުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑި ސޫސާ ވަނީ އެ ހާދިސާގެ ސަބަބުން އެގައުމުގެ ހުރިހާ ރައްޔިތުންނަށް ސިހުން ލިބިފައިވާ ކަމަށް ވިދާޅުވެ، ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވައިފަ އެވެ.

އެގަސް ވެއްޓުމުން ލިބުނު ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ބައެއް ކަން ރައީސް ޑި ސޫސާ ވިދާޅުވެފައި ނުވެ އެވެ. ނަމަވެސް މަދެއިރާގެ ފުލުހުން ވަނީ ގަސް ވެއްޓެން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް