ޔޮންޑާ މިއުޒިކުން ރާއްޖޭގައި އިންޓަނޭޝަނަލް ރެކޯޑިން ސްޓޫޑިއޯއެއް ގާއިމު ކުރަނީ

"ޔޮންޑާ މިއުޒިކް" އެޕްލިކޭޝަން ރާއްޖެއަށް ތައާރަފް ކުރުން

ދިރާގުން ރާއްޖެ އަށް ރޭ ތައާރަފްކުރި ޔޮންޑާ މިއުޒިކުން މި އަހަރު ނިމެންވާއިރަށް އިންޓަނޭޝަނަލް ފެންވަރުގެ ރެކޯޑިން ސްޓޫޑިއޯއެއް ރާއްޖޭގައި ގާއިމްކުރާނެ ކަމަށް ޔޮންޑާ މިއުޒިކްގެ ސީއީއޯ އެޑަމް ކިޑްރޮން ވިދާޅުވެއްޖެ އެވެ.

ޝެރަޓަން ފުލްމޫން ރިސޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެޑަމް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ރެކޯޑިން ސްޓޫޑިއޯއެއް ރާއްޖެ ގެނައުމަށް ޝެރެޓަން އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ނިމެންވާއިރަށް އިންޓަނޭޝަނަލް ކްލާސެގެ ރެކޯޑިން ސްޓޫޑިއޯއެއް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ ރާއްޖޭގެ ލަވަކިއުންތެރިންނަކީ ހުނަރުވެރި ބައެއްކަމަށެވެ. ރާއްޖެ އައިސް ދިވެހި މިއުޒިކްގެ ދާއިރާއަށް ބަލާލުމުން ފެނުނީ ދިވެހިންގެ ހުނަރުވެރިކަމާއި ހޯދައިފަވާ ކުރިއެރުންތައް ކަމަށެވެ. އަދި ރާއްޖޭގެ ލަވަކިއުންތެރިން ވަނީ ރަނގަޅުފެންވަރުގެ ސްޓޫޑިއޯ އަކަށް ބޭނުންވެފައި ކަމަށް ވެސް އެޑަމް ވިދާޅުވި އެވެ.

އެ ސްޓޫޑިއޯގައި ރާއްޖޭގެ ލަވަކިއުންތެރިން އެމީހުންގެ ލަވަތައް ރެކޯޑް ކުރާނެ ކަމަށާއި ރެކޯޑް ކުރާ ލަވަތައް "ޔޮންޑާ މިއުޒިކް"އެޕްލިކޭޝަން މެދުވެރިކޮށް އާންމުންނާ ހަމަޔަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުން ލަވަކިއުންތެރިންނަށް ރަނގަޅު އާމްދަނީއެއް ލިބިގެންދާނެ ކަމަށް ވެސް އެޑަމް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ދިރާގު އަދި ޔޮންޑާ މިއުޒިކް ގުޅިގެން 20 މިލިއަނަށް ވުރެ ގިނަ ލަވަ އެކުލެވޭ މިއުޒިކް އެޕްލިކޭޝަން "ޔޮންޑާ މިއުޒިކް" ދިވެހި ލަވަތައް ހިމަނައިގެން ރާއްޖެ އަށް ވަނީ ތައާރަފު ކޮށްފަ އެވެ.

comment ކޮމެންޓް