މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ބުފޮން، މެސީ އަދި ރޮނާލްޑޯ!

ޔޫއެފާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޝޯޓްލިސްޓް ވެފައިވާ، ލިއޮނަލް މެސީ، ޖިއަންލުއިޖީ ބުފޮން، ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: ޔޫއެފާ

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރީންގެ ތެރޭގައި ޖިއަންލުއިޖީ ބުފޮން، ލިއޮނަލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނިއްޖެއެވެ.

ޔޫއެފާ ފިރިން ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް، އިޓަލީ އަދި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި އާޖެންޓީނާ އަދި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީގެ އިތުރުން ޕޯޗްގީޒް އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވާފައިވަނީ 80 ކޯޗުންނާއި 55 ނޫސްވެރީންގެ ވޯޓުންނެވެ.

މެސީއާއި ރޮނާލްޑޯ އެންމެ މޮޅު ކުޅުންތެެރިޔާގެ އެވޯޑް ދެފަހަރު ހޯދާފައި ވާއިރު އެންމެ ފަހުން އެ އެވޯޑް ހޯދާފައި ވަނީ ރޮނާލްޑޯއެވެ.

މި ދެކުޅުންތެރީންގެ އިތުރުން މި އެވޯޑް ހާސިލްކޮށްފައިވަނީ އަންދުރޭ އިނިއެސްޓާ އާއި ފްރޭންކް ރިބަރީއެވެ.

އެންމެ މޮޅުކުޅުންތެރިޔާ އިއުލާނުކުރުން އޮންނާނީ، ޔޫއެފާ ޗެމްޕިއަންސް ލީގު 2017/18ގެ ގުރު ނެގުމަށް، ފްރާންސްގެ މޮނާކޯގައި އޯގަސްޓް 24 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައެވެ.

ޔޫއެފާގެ އިން ހޮވާ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް މިފަހަރު ވާދަކުރާ ތިން ކުޅުންތެރީންނަކީ، ލިންކޮޕިންގް އަދި ވުލްވްސްބާރއަށް ކުޅެފައިވާ ޑެންމާކު ކުޅުންތެރިޔާ ޕާރނީލް ހާޑާއާއި ލިޔޯންއަށް ކުޅޭ ޖަރުމަނު ކުޅުންތެރިޔާ ޒެނިފާ މަރޯޒަން އާއި ރޮސެންގާޑް އަދި ބާސެލޯނާއަށް ކުޅެފައިވާ ނެދަލޭންޑްސްގެ ކުޅުންތެރިޔާ ލީކީ މާޓެންސްއެވެ.

ވިލާތުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ލިސްޓުގެ ގަދަ 10 ގައި އެއް ޓީމަކުން އެންމެ ގިނަ ކުޅުންތެރީން ހިމެނިފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. ރެއާލްގެ ހަތަރު ކުޅުންތެރީން ހިމެނުނު އިރު، ވާދަވެރި ބާސާއިން ހިމެނުނީ މެސީ އެކަންޏެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ގަދަ ދިހަ ކުޅުންތެރީންގެ ތެރޭން ހަތަރު ވަނައަށް ދިޔައީ ރެއާލްގެ ލުކާ މޮޑްރިޗްއެވެ. އޭނާގެ ފަހަތުން އެ ލިސްޓުގައި ރެއާލްގެ ޓޯނީ ކްރޫސް ހިމެނުނު އިރު ލިސްޓުގެ ހަ ވަނައިގައި އޮތީ ޔުވެސްޓަސްގެ އާޖެންޓީނާ ތަރި ޕައުލޯ ޑިބާލާއެވެ. ހަތް ވަނައިގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ނަން އޮތްއިރު އަށް ވަނައިގައި އޮތީ މޮނާކޯގެ ކީލިއަން އެމްބާޕޭއެވެ. ލިސްޓުގެ ނުވަ ނަވައިގައި ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑް ތަރި ރޮބާޓް ލެވަންޑޯސްކީގެ ނަން އޮތް އިރު ލިސްޓުގެ 10 ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސްވިޑެން ތަރި ޒްލަޓަން އިބްރަހިމޮވިޗްގެ ނަމެވެ.

comment ކޮމެންޓް