އީސީން ހުށަހެޅި އަބުރުގެ މައްސަލައަކާ ގުޅިގެން ޝިފާޒް ފުލުހަށް ހާޒިރުކޮށްފި

ޝިފާޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އަބުރުގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.

ޝިފާޒް މިއަދު ސަން އަށް ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކުރީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އާ ގުޅިގެން ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އީސީން ހުށަހެޅި އަބުރުގެ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

"[ފުލުހަށް ހާޒިރު ކުރީ] ޖަލްސާއެއްގައި އިންތިހާބުގެ ނަތީޖާ އާ ގުޅިގެން ދައްކާފައި އޮތް ވާހަކައެއް އެ ބޭފުޅުން ބަލަމުން ދާތީ،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ޖަލްސާގައި ދެއްކީ ކާކު ދިން މައުލޫމާތެއް ކަމަށް ސުވާލު ކުރި ކަމަށާއި، އެހެން ނަމަވެސް މައުލޫމާތު ލިބޭ މަސްދަރު ހާމަ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ޝިފާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި 10 ވޯޓަށް ވުރެ ތަފާތު ކުޑަ ތަންތަނުގައި ވޯޓު އަނބުރާލަން ސަރުކާރުން މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ އީސީގެ ތެރެއިން ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

ފުލުހަށް ދިން ބަޔާނުގައި ހާމަ ކުރަން ޖެހޭ މައުލޫމާތެއް އެބޭފުޅުންނަށް ހާމަ ކުރަން ޖެހޭ ހިސާބުން ހާމަ ކުރާނެ ކަމަށާއި އެހެން ނަމަވެސް އެއީ އެ މައުލޫމާތެއް ހާމަ ކުރަން ފެނިއްޖެ ނަމަ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ބަޔާނުގައި ވެސް އެބޭފުޅުން ގާތު ދެންނެވިން އަޅުގަނޑު ހަމަ ހާމަކުރަން ޖެހޭ ހިސާބުން ހާމަ ކުރާނަމޭ، އަޅުގަނޑަށް ހާމަ ކުރަން ފެނިއްޖެއްޔާ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އޭނައާ މެދު ތުހުމަތު ކުރަނީ ދެއްކި ވާހަކާގައި ހާމަ ކުރި މައުލޫމާތަކީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ލިބުނު މައުލޫމާތެއް ކަމަށާއި އަދި އެ މައުލޫމާތަކީ ތެދު ނޫން މައުލޫމާތެއް ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރޭ ޝިފާޒު ފުލުހަށް ހާޒިރު ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް