އީރާން ގެންދަނީ ސޫރިޔާގެ ބިމުގެ އަޑީގައި މިސައިލް ކާރުޚާނާއެއް ބިނާކުރަމުން: އިސްރާއީލު

އީރާނުގައިވާ އެގައުމުގެ މިސައިލް ކާރުކާނާ އެއްގެ މަންޒަރެއް

ޓެލްއަވީވު (އޮގަސްޓް 16): އީރާނުން ސޫރިޔާގައި މިސައިލް އުފައްދާ ކާރުޚާނާއެއް ބިނާކުރަމުން ގެންދާކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ''ޗެނެލް 2 ޓީވީ'' ސްޓޭޝަނުން ބުނީ ސޫރިޔާގެ ހުޅަނގު އުތުރުގެ ހިސާބެއްގެ ބިމުގެ އަޑީގައި އީރާނުގެ ކުންފުނިތަކަކުން މިސައިލް އުފައްދާ ކާރުޚާނާއެއް ބިނާކުރަމުން ގެންދާ ކަމަށާ އެތަނުގައި ހަތިޔާރު ރައްކާ ގުދަނެއްވެސް އީރާނުން ބިނާކުރަމުން ގެންދާކަމުގައެވެ.

އިސްރާއީލުގެ ޓީވީ ން ވަނީ އީރާނުން މިސައިލް ކާރުޚާނާ ބިނާކުރަނީ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރި ފަށުގައިވާ ސޫރިޔާގެ ރަށެއްކަމަށްވާ ބާނިޔާސްގައި ކަމަށްބުނެ ކާރުޚާނާ ބިނާކުރާތަނުގެ ސެޓަލައިޓް ފޮޓޯތަކެއްވެސް ދައްކާފައެވެ. އެފޮޓޯތަކުން ފެންނަނީ އާދައިގެ އިމާރާތްތަކެއް ކަމަށްވިޔަސް އެކާރުޚާނާގެ މައިގަނޑު ހުރިހާ ބައިތަކެއް ހުންނަނީ ވައިގެ ހަމަލާތައް ނާރާގޮތަށް ބިމުގެ އަޑީގައިކަމަށް އިސްރާއީލުގެ ޓީވީން ދުރަށް ފޮނުވި ރިޕޯޓެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ސޫރިޔާގައި ފައިހަރުކުރަން އީރާނުން ކުރިމަސައްކަތް ކާމިޔާބުވަމުންދާތަން ބަލަން އިސްރާއީލަށް ނޯވެވޭނެ ކަމަށް ވިދާޅުވެ މިދިޔަ ހަފްތާގައި ވާހަކަ ދައްކަވާފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ހަތް އަހަރުވީއިރުވެސް އެ ހަނގުރާމައިން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާނުލެވުމަކީ ސޫރިޔާގައި ފައިހަރުކުރަން އީރާނުން ކުރިމަސައްކަތް ކާމިޔާބުވަމުންދާ ކަމުގެ ހެއްކެތްކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ އިސްތިއުމާރު ދެމިއޮތުމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ އީރާނުގެ ފަރާތުންނެވެ. އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރަނީވެސް އީރާނުގެ މަދަދު ލިބޭ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. އެ ދެޖަމާއަތާ ދެކޮޅަށް ކުރި އެއްވެސް ހަނގުރާމައެއް އިސްރާއީލަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.

ސޫރިޔާގެ ވެރިކަމުގެ ނިޒާމު ވައްޓާލައި ސޫރިޔާއިން އީރާނުގެ ނުފޫޒު ކަނޑުވާލެވިއްޖެނަމަ ހިޒްބުﷲ އާއި ފަލަސްތީނުގެ ހަމާސް ޖަމާއަތް ބަލިކަށިވެ އިސްރާއީލަށްއޮތް އަސްކަރީ ނުރައްކަލާއި ބިރުވެރިކަން ކުޑަވެގެންދާނެކަމަށް އިސްރާއިލުން ދެކެއެވެ. ސޫރިޔާއިން އީރާނުގެ ބާރާއި ނުފޫޒު ކަނޑުވާލެވޭނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ވައްޓާލައިގެންކަން އިސްރާއީލާއި އެމެރިކާ ދެކެއެވެ. އަދި ސޫރިޔާގެ ރައިސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމުގެ އެންމެ ބޮޑު މަގްސަދަކީވެސް ސޫރިޔާއިން އީރާނުގެ ނުފޫޒު ކަނޑުވާލުންކަމަށް ވަނީ ބެލެވިފައެވެ.

ނަމަވެސް ސޫރިޔާގެ ހަނގުރާމައަށް ހަތް އަހަރު ފުރުނުއިރު ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވި ގަލްފުގެ ގައުމުތަކުގެ މެދުގައި މައްސަލަޖެހި އެގައުމުތައް އެއްބަޔަކު އަނެއްބަޔަކާ ދުޝްމަންވުމުން އެކަމުގެ ނޭދެވޭ އަސަރު އެ ޖަމާއަތްތަކަށްވަނީ ކުރަންފަށައިފައެވެ. އަދި އެމެރިކާވެސް ދާދި ފަހުންވަނީ ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތައް ކަނޑާލައި ތަމްރީން ދިނުންވެސް ހުއްޓާލިކަން ހާމަކޮށްފައެވެ. މިއާއެކު ހަނގުރާމަވެރި ޖަމާއަތްތައް ކުރިޔަށްވުރެ ބަލިކަށިވެ ސޫރިޔާ ސިފައިން ގެންދަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައިވާ ބިންތައް އަލުން ސަރުކާރުގެ ދަށަށްގެނައުމުގައި ބޮޑެތި ކާމިޔާބީތަކެއް ޙާސިލް ކުރަމުންނެވެ.

މިއާއެކު އީރާނަށްވަނީ ސޫރިޔާގައި ފައިހަރުކޮށްލުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައެވެ. އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހަމަލާތައްވެސް މިހާރުވަނީ ކުރިޔާއަޅާބަލާއިރު ވަރަށް ބޮޑުތަން މަދުވެ ހަނގުރާމަ މައިތިރިވާން ފަށާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް