އަނިޔާއަށް ފަހު ޗެލްސީގެ ޓްރޭނިންތަކުގައި ހަޒާޑް ބައިވެރިވާން ފަށައިފި

ޗެލްސީގެ ބެލްޖިއަމް ތަރި ހަޒާޑް: އޭނާއަށް އަނިޔާވީ ޖޫން މަހު ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް --- ފޮޓޯ: އޭޕީ

ޗެލްސީގެ ޓްރޭނިންތަކުގައި އެ ކްލަބުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ބައިވެރިވާން ފަށައިފި އެވެ.

ޗެލްސީގެ ޓްރޭނިންތަކުން ހަޒާޑް ދުވަސްތަކެއް ވަންދެން ފެނިފައި ނުވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް، ޖޫން މަހުގެ ތެރޭގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ހަޒާޑަށް ލިބުނު އަނިޔާއިން ފުރިހަމައަށް ސަލާމަތްވުމުގެ މަސައްކަތް އޭނާ ކުރަމުންދާއިރު، ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުތައް އޭނާއަށް ގެއްލޭނެ އެވެ. ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ހަޒާޑް ފެނިފައިނުވާއިރު، އެ ޓީމުން އޭނާ ފެންނާނެ ދުވަހެއް ކޯޗު އެންޓޯނިއޯ ކޮންޓޭ ހާމަކޮށްފައެއް ނުވެ އެވެ.

ފިޓްވުމުގެ މަސައްކަތް ހަޒާޑް ކުރަމުންދާއިރު، ޗެލްސީގެ ސްޕެއިން ވިންގާ ޕެޑްރޯ ދަނީ އަނިޔާއާ ކުރިމަތިލަމުންނެވެ. ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާންލީ އަތުން 3-2 ލަނޑުން ޗެލްސީ ބަލިވި ލީގު މެޗުގައި ފެނިގެން ގޮސްފައިނުވާ ޕެޑްރޯ، މިއަދު ޓްރޭނިން ސެޝަނަށް ހާޒިރުވި ނަމަވެސް ޓީމާއެކު ޓްރޭނިންގައި ބައިވެރިވެފައެއް ނުވެ އެވެ.

ލީގުގައި އަންނަ އާދީއްތަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް ވަނީ ސަސްޕެންޝަންގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި އިނގިރޭސި ޑިފެންޑަރު ގެރީ ކޭހިލްއާއި ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސްއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ދެ ކުޅުންތެރިންނަށް އެ މެޗުގައި ނުކުޅެވޭނެ އެވެ.

comment ކޮމެންޓް