ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ހާއްސަ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި

އެމްއެންޔޫގެ ދަރިވަރުންނަށް ހާއްސަ "ޔުނިފްލެކްސް" ޕެކޭޖް ތައާރަފް ކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ދިރާގުން "ޔުނިފްލެކްސް"ގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންނަށް ހާއްސަ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

އިއްޔެ ތައާރަފު ކުރި އެ ޕެކޭޖުގައި ތިން ޖީބީގެ ޑާޓާގެ އިތުރުން 4000 ހިލޭ މިނިޓްސް އަދި 1000 އެސްއެމްއެސް ހިމަނާފައިވެ އެވެ. އަދި ކޮންމެ ދަރިވަރަކަށް ވެސް އެ ޕެކޭޖާއެކު އިތުރު ދެ ސިމެއް ހިލޭ ލިބޭނެ އެވެ. އޭގެން ކޮންމެ ސިމެއްގައި ވެސް ގުޅުމަށް 600 ހިލޭ މިނިޓް ހިމަނާފައިވެ އެވެ.

މަހަކު އެންމެ 149 ރުފިޔާ ދައްކަން ޖެހޭ އެ ޕެކޭޖު މެދުވެރިކޮށް، ދަރިވަރުން ކިޔެވުމުގައި ބޭނުން ކުރާ އެންމެ މުހިއްމު އެއް ވެބްސައިޓް ވިކިޕީޑިއާ އާއި އެމްއެންޔޫގެ ވެބްސައިޓް އަދި މޫޑުލްއަށް ޑާޓާ ބޭނުން ނުކޮށް ވަދެވޭނެ އެވެ.

ދިރާގުން ބުނީ އެ ޕެކޭޖު ތައާރަފް ކޮށްފައި ވަނީ، އެމްއެންޔޫގެ ދަރިވަރުންގެ ޔުނިވާސިޓީ ހަޔާތް ފަސޭހަކޮށްދޭން ކަމަށެވެ.

އެ ޕެކޭޖު ތައާރަފް ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފަދަ ޕެކޭޖެއް އެމްއެންޔޫގެ ދަރިވަރުންނަށް ތައާރަފް ކޮށްދިން ކަމަށްޓަކައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީ ދެއްކެވި ވާހަކަފުޅުގައި ކިޔަވާ ކުދިންނަށް އެހީތެރިވެވޭތީ އުފާވާ ކަމަށާއި، އެ ޕެކޭޖުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ފަސޭހަވާނެ ކަންކަން މީގެ ފަހުންވެސް ކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް