ޗައިނާއަށް ޖުލައި މަހު ކުރިމަތިވި ގުދުރަތީ ކާރިސާތަކުގައި 230 މީހުން މަރުވި

ޗައިނާއަށް މިދިޔަ މަހު އައި ބިންހެލުމެއްގައި ހާލުގައި ޖެހުނު އާއިލާއެއްގެ ކުއްޖަކަށް ވަގުތީ ހިޔާގައި ފަރުވާ ދެމުންދާއިރު، އެ ކުއްޖާ ރޮނީ --- ފޮޓޯ/ ފައިނޭންޝިއަލް ޓައިމްސް

ބެއިޖިންގް (ޒިންހުއާ) – ޗައިނާއަށް މިދިޔަ ޖުލައި މަހު ކުރިމަތިވި ގުދުރަތީ ކާރިސާތަކުގައި އެކަނިވެސް 230 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

ކާރިސާތައް މަދުކުރުމަށް ޗައިނާގައި އުފައްދާފައިވާ ގައުމީ ކޮމިޝަނުންނާއި އެގައުމުގެ ސިވިލް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި، ޖުލައި މަހު ކުރިމަތިވި ކާރިސާތަކުގެ ތެރެއިން ފެންބޮޑުވުމާއި ފިނި ފޭބުމާއި ތޫފާންތަކުގެ އިތުރުން ހަނަފަސްވުން ހިމެނެއެވެ.

އެގޮތުން ޗައިނާއަށް މިދިޔަ މަހު ދިމާވި ކާރިސާތަކުގައި އެތައް ބަޔަކު މަރުވެ، 44 މީހަކު އަދިވެސް ގެއްލިފައިވާއިރު 2.8 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަންޖެހުނު ކަމަށް ބުނެފައިވެއެވެ.

އެ އިދާރާތަކުން ނެރުނު ރިޕޯޓަކާ ހަވާލާދީ ޒިންހުއާ ނިއުސް އިން ބުނީ، ކާރިސާތަކުގައި ގާތްގަނޑަކަށް 73،000 ގެ ހަލާކުވެގެން ދިޔައިރު ހަ ލައްކައަށްވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ ކަމަށެވެ.

އަދި ދަނޑު ގޮވާން ކުރާ ބިންތަކުގެ ގާތްގަނޑަކަށް 8.84 މިލިއަން ހެކްޓަރުގެ ބިމަށް ގެއްލުންތަކެއް ލިބުނުއިރު، އޭގެ ތެރެއިން 92،0000 ހެކްޓަރުގެ ބިން އެއްކޮށް ހަލާކު ވެގެން ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދުނިޔޭގައި އެންމެ އާބާދީ ބޮޑު އަދި އިގްތިސާދީ ބޮޑު އެއް ބާރު، ޗައިނާއަށް ޖުލައި މަހު ކުރިމަތިވި ކާރިސާތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް 135 ބިލިއަން ޔުއާން (20 ބިލިއަން އެމެރިކާ ޑޮލަރު)ގެ ގެއްލުމެއް ވެސް ވަނީ ލިބިފައެވެ.

ނަމަވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ ޖުލައި މަހު ކާރިސާތަކުން އެގައުމަށް ލިބުނު ގެއްލުންތައް އެވްރެޖްކޮށް މަދެވެ.

comment ކޮމެންޓް