ބޮޑު ބަންދަށް މޯލްޑިވިއަންގެ ދަތުރުތަކުގެ 90 ޕަސެންޓް ފުލް!

ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފުލައިޓަކުން ފަސިންޖަރުން ފައިބަނީ --- ސަން ފައިލް ފޮޓޯ

ހައްޖަށްފަހު އަންނަ އަޟްހާ އީދު ނުވަތަ ބޮޑު ޗުއްޓީއަށް އަތޮޅުތަކަށާއި ރާއްޖެއިން ބޭރުގެ ދަތުރުތަކަށް އޮންނަ ޑިމާންޑު ބޮޑުވެ ގައުމީ އެއާލައިންގެ ދަތުރުތަކުގެ 90 ޕަސެންޓް ފުލްވެއްޖެއެވެ.

ބަންދެއް ލިބިއްޖެނަމަ ރަށުން ބޭރަށް ދާ ދިވެހިން މިހާރަކަށް އައިސް އިތުރުވަމުން އަންނައިރު، އީދު ފާހަގަކުރުމަށް އަތޮޅު ތެރޭގައި ނަގާ މަޖަލާއި ފޯރި ބަލާލަން އަތޮޅުތެރެއަށް ދާ ދިވެހިން ވަރަށް ވެސް ގިނައެވެ.

މޯލްޑިވިއަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ހަމީދު ވިދާޅުވީ، ހައްޖަށްފަހު އަންނަ ބަންދަކީ އަބަދުވެސް މޯލްޑިވިއަންއަށް ޑިމާންޑު ބޮޑު ދުވަސް ކޮޅެކެވެ. އެގޮތުން މިއަހަރުގެ ބޮޑު ބަންދަށް އަދި ދެ ހަފްތާ އޮތް ނަމަވެސް މިހާރު ވެސް އެ އެއާލައިނުން އަތޮޅުތަކާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ 90 ޕަސެންޓް ފުލް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވި ގޮތުގައި، ބޮޑު ބަންދާ ދިމާކޮށް އެންމެ ބޮޑު ޑިމާންޑެއް އޮތީ ހަނިމާދޫ އާއި އައްޑޫއަށް ކުރާ ދަތުރުތަކަށެވެ. އޭގެ އިތުރުން، ޓްރެވެންޑްރަމްއަށް ކުރާ ދަތުރުތަކުގެ ޑިމާންޑުވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަސް ވަނީ ސެޕްޓެމްބަރު އެކެއްވާ ހުކުރު ދުވަހަށެވެ. އެހެންކަމުން އީދު ބަންދުގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަސް ލިބޭނެއެވެ. ނަމަވެސް އީދު ބަންދާ ގުޅޭގޮތުން އަދި ސަރުކާރުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ނަޝާތު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އީދު ދަތުރަށް ކުރިއާލާ ރާވާފައިވާކަން ފާހަަގަ ކުރެވުނު ކަމަށެވެ. އެގޮތުން ބައެއް މީހުން މޯލްޑިވިއަންގެ ދަތުރުތަކަށް ޓިކެޓް ނަގަން ތަންކޮޅެއް ކުރިން ރިޒަވޭޝަން ހަދާފައިވާއިރު ބައެއް މީހުން މަހެއްހާ ދުވަސް ކުރިން ޓިކެޓް ނަގާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް