ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާ ސަފީރު ފޮނުއްވައިފި

އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ޖެނުއަރީ މަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ، އިންޑިއާގެ 70 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

އިންޑިއާ ރައްޔިތުންނަށް ސަފީރު މިއަދު ފޮނުއްވި މެސެޖުގައި އޭނާ ވަނީ މިނިވަން ދުވަހަކީ، އިންޑިއާގެ މިނިވަން ކަމަށްޓަކައި ހަނގުރާމަ ކުރި ފަރާތްތަކުގެ ހަނދާން އާކޮށް އެމީހުން ފަދައިން ގައުމުގެ ހިދުމަތަށް އިސްކަންދޭންވީ މުނާސަބަތެއް ކަމަށް ވިދާޅުވެފައެވެ.

އަދި އިންޑިއާގައި މީގެ ކުރިން އޮތް އިނގިރޭސިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި 1942 ވަނަ އަހަރު މަހާތުމާ ގާނދީ ވުޖޫދަށް ގެންނެވި "ކުއިޓް އިންޑިއާ މޫވްމެންޓަށް" މިމަހުގެ އަށް ވަނަ ދުވަހު 75 އަހަރު ފުރުނުކަން ވެސް މިޝްރާ ފާހަގަ ކުރެއްވި އެވެ.

އަދި އެދުވަހު އިންޑިއާގެ ރައްޔިތުން ވަނީ 2022 ވަނަ އަހަރު އަންނަންވާ އިރަށް އާ އިންޑިއާއެއް އާރާސްތުކުރުމަށް އަޒުމް ކަނޑައަޅާފައި ކަން ފާހަގަ ކުރައްވައި، އެއަމާޒަށް ވާސިލު ވުމަށް ގައުމުގެ ހުރިހާ ރައްޔިތުންވެސް މުހިއްމު ދައުރެއް އަދާ ކުރަންޖެހޭ ކަމަށް މިޝްރާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާގެ ސަފީރު ވަނީ ރާއްޖެއިން އިންޑިއާގެ އެމްބަސީއަށް އަދާ ކުރާ މެހުމާންދާރީ އަށާއި ފޯރުކޮށްދޭ އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން ދެ ގައުމުގެ މެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް