ކާރަކަށް ގާ އުކި ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގެ މަންޒަރެއް ---

ކާރަކަށް ގާ އުކި ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ދެމީހަކު ހޯދަމުން ދާ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން ދެމީހަކު މަގުމަތިން ހިނގާފައި ގޮސް ޕާކުކޮށްފައި އޮތް ކާރަކަށް ގާ އުކުމުގެ ސަބަބުން ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ދެ އެވެ.

އެމީހުން ގާ އުކާފައިވަނީ މާލޭގެ މަގެއްގައި ޕާކުކޮށްފައި އޮތް ކާރަކަށެވެ. ނަމަވެސް އެއީ ކޮން މަގެއްކަން ސާފެއްނުވެ އެވެ.

ގާ އުކާ މީހުންގެ މޫނެއްވެސް ސާފެއް ނުވެ އެވެ. ފުލުހުން ބުނީ އެމީހުންނާ މައުލޫމާތު އެނގޭ ފަރާތްތަކުން ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް