ދިރާސާ އާއި އިލްމީ ޕްރޮގްރާމްތައް ހިންގުމަށް އައިޔޫއެމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ، ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ (ޔޫކޭއެމް)އާ ދެމެދު މިއަދު ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ރިސާޗު ދާއިރާއާ ގުޅޭ ޕްރޮޖެކްޓުތައް ހިންގުމަށާއި ބޭނުންތެރި ދާއިރާތަކުން ކުރު މުއްދަތުގެ އިލްމީ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި މެލޭޝިއާގެ ގައުމީ ޔުނިވާސިޓީ، ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ (ޔޫކޭއެމް)އާ ދެމެދު އެއްބަސްވެއްޖެ އެވެ.

ޔޫކޭއެމްގައި މިއަދު ބޭއްވި ހަފްލާއެއްގައި ދެ ޔުނިވާސިޓީގައި ދެމެދު ސޮއިކުރި އެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ވަޑައިގެން އުޅުއްވާ އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިސްލާމީ ޔުނިވާސިޓީ އިން ބުނީ، ޔޫކޭއެމް އާއި އައިޔޫއެމްއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގައި ދެ ޔުނިވާސިޓީ އިން ގުޅިގެން ރިސާޗާއި އިލްމީ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ދަރިވަރުން ތަމްރީނާއި ތަޖުރިބާ ލިބިގަތުމަށް ޓަކައި ބަދަލުކުރުމަށާއި ދެ ޔުނިވާސިޓީ ދެމެދު ފެކަލްޓީ އެކްސްޗޭންޖު ޕްރޮގްރާމްއާ ބެހޭ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ދެ ޔުނިވާސިޓީ މުވައްޒަފުންގެ ތަމްރީނާއި ތަޖުރިބާ ލިބިގަތުމުގެ ޕްރޮޖެކްޓުތަކާއި ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި ސިމްޕޯޒިައަމްތަކާއި ސެމިނާ އަދި ވޯކްޝޮޕްތައް ހިންގުމަށް އެއްބަސްވެފައިވެ އެވެ.

ހަފްލާގައި ވާހަކަފުޅުދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރު ޝަހީމް ވިދާޅުވީ، މެލޭޝިއާގެ ތައުލީމީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ކަމަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މެލޭޝިއާ އިން ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ދަރިވަރުން ދިވެހި މުޖުތަމައުއަށާއި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންދިއުން ކަމަށެވެ.

ޔޫކޭއެމްގެ ދައުވަތަކަށް ޝަހީމް މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހު އެވެ. ހަތަރު ދުވަހުގެ މުއްދައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެލޭޝިއާގެ އިސްލާމިކް އެފެއާޒްގެ އިސްވެރިޔާއާ ބައްދަލުކުރެއްވުމުގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)އަށް ޒިޔާރަތް ކުރައްވާނެ އެވެ.

comment ކޮމެންޓް