ޖަޕާނުން ޕާލް ހާބަރަށް ބޮންއެޅުން ފަދަ "ޅައެއްޗެއް" އުތުރު ކޮރެއާއިން އަޅާފާނެތަ؟

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އެމެރިކާގެ ޕާލްހާބަރަށް ބޮން އެޅައި އެމެރިކާގެ މަނަވަރެއް ފައްތާލައިފައި.

ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ މި އަންނަ ސެޕްޓަމްބަރުމަހަށް 72 އަހަރު ފުރޭނެއެވެ. އެ ހިތާމަވެރި ތާރީޚީ ދުވަހާ މިއަހަރު ބައްދަލު ކުރާއިރު އަނެއްކާވެސް އެކަޅު ދުވަސްތައް އިއާދަވަމުންދާ ކަމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. ކިއުބަން މިސައިލް ކްރައިސިސްއަށް ފަހު މިއިން ޒަމާނަކުވެސް ނުދެކޭފަދަ ކުރިމަތިލުންތަކެއް ބޮޑެތި ބާރުތަކުގެ މެދުގައި ފެށުމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. ތިންވަނަ ބޮޑުހަނގުރާމަ ހަމަ ދެންމެ ދެންމެ ފެށިދާނެ ކަމުގެ އިޝާރަތްތައް ކަމޭބެހޭ މާހިރުން ދޭތާ މިހާރު ދުވަސް ގަނޑެއް ވެއްޖެއެވެ.

ސީރިއާއާ ޔުކްރޭންގެ މައްސަލައިގައި ރަޝިޔާއާ އެމެރިކާއާ ދެމެދު ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެކަމުގެ އަލާމާތްތަކެއް ވެސް ދާދި ފަހުން ފެނިގެން ދިޔައެވެ. އަދި ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާ އަދި އެމެރިކާއާ ދެމެދުވެސް ވަރަށް ބޮޑަށް މައްސަލަ ހޫނުވިއެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް ޗައިނާ އަދި ރަޝިޔާގެ ހުށިޔާރުކަމުން މައްސަލަތައް ވަނީ ފިނިކޮށްފައެވެ.

މަސްރަހު ހިމޭންވެފައި ވަނިކޮށް ކުއްލިއަކަށް މުޅި ދުނިޔެ ސިއްސައިގެން ދިޔައީ އުތުރު ކޮރެއާ އަދި އެމެރިކާއާ ދެމެދު މިއިން ޒަމާނަކުވެސް ނުދެކޭފަދަ ކުރިމަތިލުމަކަށް ދާން އުޅޭކަމުގެ މަންޒަރު ފެންނަން ފެށުމުންނެވެ.

އެމެރިކާގެ މަނަވަރު ޔޫއެސްއެސް ކާލްވިންސަން ކޮރެއާ ސަރަހައްދަށް ދަތުރުކުރަނީ

އުތުރު ކޮރެއާ – އެމެރިކާގެ މައްސަލަ ފެށުން

އެމެރިކާއާއި އުތުރު ކޮރެއާގެ މައްސަލަ މިއަހަރު ފެށުނީ އޭޕްރިލް މަހުއެވެ. އުތުރުކޮރެއާއިން ދޭތެރެދޭތެރެއިން ޓެސްޓް ކުރަމުންދާ ބެލެސްޓިކް މިސައިލްތަކުގެ މައްސަލައިގައި އެމެރިކާއިން ހަނގުރާމަމަތީ ތިން މަނަވަރު ކޮރެއާ ސަރަހައްދަށް ފޮނުވުމަކީ އެމައްސަލަ ފެށުނު ސަބަބެވެ. އުތުރު ކޮރެއާއިން އޭރު ބުނަމުން ދިޔައީ މިއީ އެގައުމާ ދެކޮޅަށް ހަމަލާދިނުމަށް ތައްޔާރުވުން ކަމަށާއި އަދި އެމެނަވަރުތައް ފައްތާލާނެކަމުގެ އިންޒާރުވެސް ދިނެވެ. އެފަހަރުވެސް އެމައްސަަލަ ކޮންމެވެސް ވަރަކަށް ފިނިވެގެންދިޔައެވެ.

ދެވަނަ ފަހަރަށް މައްސަލަ ހޫނުވާން ފެށީ އެމެރިކާގެ ދަރިވަރެއް އުތުރުކޮރެއާގައި ހައްޔަރުކުރުމަށް ފަހު ކޯމާއަކަށް ދިޔުމުންނެވެ. އެދަރިވަރު އުތުރު ކޮރެއާއިން ދޫކޮށްލުމަށްފަހު އެމެރިއާށް ގެންދިޔަ ފަހުން ވަނީ މަރުވެފައެވެ. ހަމަ އެ ދުވަސްވަރު އުުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓް ކުރުމުން އދ. މެދުވެރިކޮށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ހިސާބުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ސަލާމަތީ މަޖުލީހުގެ އިއްތިފާގުން ދަތިކުރުމުގެ ފިޔަވަޅު އެޅިއިރު ޗައިނާ އަދި ރަޝިއާއިން ވެސް ވޯޓް ދިނީ އުތުރުކޮރެއާ އާ ދެކޮޅަށެވެ.

އުތުރު ކޮރެއާއިން ހައްޔަރުކުރި އެމެރިކާގެ ދަރިވަރު. ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލިތާ މާގިނަދުވަހެއް ނުވެ އޭނާ ވަނީ މަރުވެފައި.

ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު އުތުރުކުރެއާއިން ބުނިގޮތުގައި މިއީ އެގައުމު އިނދަޖައްސާލުމަށް ކުރިކަމެއް ކަމަށެވެ. އަދި އެގައުމާ ހަނގުރާމަ އިއުލާނުކުރުން ކަމަށެވެ. އަދި އެމެރިކާއިން ގުއާމްގައި ތިބޭ އަސްކަރީ މަރުކަޒަށް ހަމަލާދިނުމަށް ތައްޔާރުވަމުން ދާކަމަށް އުތުރު ކޮރެއާއިން ބުންޏެވެ. އެމެރިކާއިންވެސް ރައްދުގައި ވަނީ އުތުރުކޮރެއާ އަނދާ އަޅިއަށް ހަދާލާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމައްސަލައިގައި އޮސްޓްރޭލިޔާއިން ވަނީ އުތުރުކޮރެއާ އިން ހަމަލާދީފިނަމަ އެމެރިކާއާ އެކުވެ ރައްދުގައި ހަމަލާދޭނެކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުން މަސްރަހު ހައްލުކުރަން މަސައްކަތްކުރަމުން ދިޔަކަމުގައި ވިޔަސް އުތުރުކޮރެއާއިން އިސްވެއޮވެ ހަމަލާ ދީފިނަމަ އިނގިރޭސިވިލާތުން އެމެރިކާއާ ބައިވެރިވެ ހަމަލާދޭނެ ކަމަށް ސިޔާސީ މާހިރުން ބުނެއެވެ.

ޖަޕާނުން އެމެރިކާގެ ޕާލްހާބަރަށް އަށް ބޮންއެޅި ހާދިސާ އަލުން އިޔާދަވަނީތަ؟

ޖަޕާނުން 1941 އެއްވަނަ އަހަރު އެމެރިކާގެ ޕާލްހާބަރަށް ދިން ހަމަލާއަކީ މުޅި އެ ހަނގުރާމައިގެ މަލަމަތި ބަދަލުކޮށްލި ހަމަލާއެކެވެ. އެދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަމުގައި ވިޔަސް އެމެރިކާ އޮތީ ވަކިފަރާތަކަށް ނުޖެހި ހަނގުރާމައިގައި ބައިވެރިނުވެއެވެ. އޭރު ހަނގުރާމައިގަައި ޖަރުމަނު ކުރީގައި އޮތްއިރު ފަރަންސޭސިވިލާތް އޮތީ ޖަރުމަނުގެ ބާރުގެ ދަށުގައެވެ. އަދި އިިނގެރޭސިވިލާތްވެސް އޮތީ ބަލިވުމުގެ މަގުމަތީގައެވެ. ނަމަވެސް ޕާލްހާބަރުގެ ހަމަލާއަށް ފަހު އެމެރިކާ އެންމެ ފަހުން ހަނގުރާމައަށް ވަނެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޖަޕާނާ އަދި ފަރަންސޭސީވިލާތާ ދެމެދު ކުރެވުނު ހަނގުރާމައިގައި ޖަޕާނުންވަނީ އިންޑޯ ޗައިނާ (މިހާރު ވިއެޓްނާމް، ލާއޯސް، ކެމްބޯޑިއާ ހިމެނޭ ސަރަހައްދު) އެގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެކަމާހުރެ އެމެރިކާއިން ޖަޕާނު އިނދަޖައްސައިލުމަށްޓަކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. އޭގެ ސަބަބުން ޖަޕާނުން ވަރަށް ބޮޑަށް ތެލަށް ޖެހިގެން ދިޔައެވެ. ޖަޕާނުން ޕާލް ހާބަރަށް ބޮންއެޅުމުގެ އަސްލަކަށްވީ އެމެރިކާއިން ޖަޕާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ.

1931- 1940 އާދެމެދު ޖަޕާނުންެ އިސްތިއުމާރު ކުރި ސަރަހައްދުަތައް

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނާ އެއްގޮތަށް އުތުރުކޮރެއާއަށް ވެސް މިދަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހި އިނދަޖެހޭ ހިސާބަށް މަސްރަހު ގޯސްވަމުންނެވެ. ދާދި ފަހުން ސަލާމަތީ މަޖުލީހުން ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރުކޮރެއާއަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް އަންދާޒާ ކުރެއެވެ. އުތުރުކޮރެއާ އަކީ މީގެ ކުރިންވސް ވަރަށް ބޮޑަށް އެކަހެރިވެފައިވާ ގައުމަކަށް ވާއިރު އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެގައުމު އިނދަޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު އުތުރުކޮރެއާއިން ބުނެފައިވަނީ އެއީ އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުންކަމަށާއި އަދި ގުއާމްގައި ހުންނަ އެމެރިކާގެ މިލިޓަރީބޭސް އަށް ހަމަލާދޭން ތައްޔާރުވަމުން އަންނަކަމަށެވެ.

އުތުރު ކޮރެއާގެ ޒުވާން ލީޑަރުގެ އެއްވެސް ތަޖުރިބާއެއް ނެތް މޮޔައެއް

ދާދިފަހުން އުތުރު ކޮރެއާގެ ލީޑަރުކަމަށް ވަޑައިގެންނެވި ކިމް ޖޮންގް އުން އަކީ ސިޔާސީ ތަޖުރިބާ ވަރަށް މަދު ބޭފުޅެކެވެ. އެކަން އޭނާ އަމަލުތަކުން ކިތަންމެ ރަނގަޅަށް ވެސް ހާމެވެގެން ދެއެވެ. އެހެންކަމުން އެމެރިކާއިން ޖަހާ ދަންތުރަތަކުގައި އުތުރުކޮރެއާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޕާލްހާބަރުގެ ހަމަލާއެކޭ އެއްގޮތަށް އެމެރިކާގެ ސިޔާސަތު ބޮޑަށް ހުރީ އުތުރުކޮރެއާ ލައްވައި "ޅައެއްޗެއް އަޅައި" އިސްވެއޮވެ ފުރަތަމަ ހަމަލާދިނުމަށް މަގުފަހިކުމުގެ ގޮތުން ޖެއްސުންކުރުމެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް ދަނީ ފެންނަމުންނެވެ. ގުއާމްގެ އަސްކަރީ މަރުކަޒަށް ހަމަލާދޭނެކަމުގެ އިންޒާރު އުތުރުކޮރެއާއިން މިހާރުވެސް ދަނީ ދެމުންނެވެ.

ކިމް ޖޮންގް އުންގެ ޒައާމަތުގައި އެންމެފަހުން އެޅި ބޮޑު ޅައެއްޗަކީ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަވަހާރަ ކޮށްލުމެވެ. ކިމް ޖޮންގް އުންގެ އެއްބަފާ ބޭބެ ކިންގް ޖޮމް އުން އަކީ ޗައިނާގެ ހިމާޔަތުގެ ދަށުގައި އުޅެމުންދިޔަ ބޭފުޅެކެވެ. ނަމަވެސް ކިމްގެ ބޭބެ މެލޭޝިއާއަށް ދިޔަ ދަނޑިވަޅު ބަލައި އޭނާ އެގައުމުގެ އެއާޕޯޓުގައި ހުއްޓައިވަނީ މަރައިލައިފައެވެ. އެމައްސަލައިގައި ޗައިނާއާ އުތުރު ކޮރެއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.

ދާދިފަހުން އުތުރު ކޮރެއާއިން އެމެރިކާގެ ދަރިވަރެއް އެގައުމުގައި ހިފަހައްޓައި ދޫކޮށްލުމަށްފަހު މަރުވި ހާދިސާ އަކީވެސް ކިމް ޖޮންގް އުންގެ ޒައާމަތުގައި ހެދި ވަރަށް ބޮޑު ގޯހެކެވެ. ބެލެސްޓިކް މިސައިލް ޓެސްތްތަކުގެ މައްސަލަ ގޯސްވެފައިވަނިކޮށް އެމެރިކާގެ ދަރިވަރަކު އުތުރުކޮރެއާގެ އިހުމާލުން މަރުވާން ދިމާވުމަކީ "ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން" ފަދަ ކަމެކެވެ. އެމެރިކާއިން ޖަހަމުންދާ ދަންތުރަތަކުން ރެކުމުގެ ވިސްނުމަށް ވުރެ އުތުރު ކޮރެއާގެ ޒުވާން ލީޑަރުގެ ކިބައިން ފެންނަމުންދަނީ އެ ދަންތުރަތަކުގައި އިތުރަށް ޖެހުމަށް އިސްނަގާ މަންޒަރުތަކެވެ.

އުތުރުކޮރެއާގެ މައްސަލައިގައި ޗައިނާގެ އަމަލުތައް ހުރީ ކިހިނެއް؟

ޗައިނާއިން އުތުރު ކޮރެއާ އާ މެދު ގެންގުޅޭ ސިޔާސަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށައިފައެވެ. ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށަހެޅި ގަރާރާ އެއްކޮޅަށް ޗައިނާއިންވެސް ވަނީ ވޯޓުދީފައެވެ. ޗައިނާއިން ބުނިގޮތުގައި އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ދަތިކުމުގެ ފިޔަވަޅަކީ ކޮންމެހެން ބޭނުން ކަމަކަށް ވިޔަސް އެއީ އެންމެ ފަހުގެ ނިންމުން ނޫންކަމަށާއި އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ގިނަބަޔަކު މިހާރުވެސް ދަނީ ޗައިނާގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ބޮޑަށް ލަފާކުރެވޭގޮތުގައި މި ނިންމުމަކީ އުތުރުކޮރެއާއިން އަޅާފާނެ ޅައެއްޗަކުން ސަލާމަތްކޮށް ކޮރެއާ ޕެނިންސިއުލާ ސަރަހައްދުގެ އަމާންކަން ނުރައްކާތެރި ހާލަތަކަށް ވެއްޓަމުންދާތީވެ އެކަމުން ރައްކާތެރި ވުމަށް އެޅި ފިޔަވަޅެކެވެ.

ޗައިނާއަކީ އުތުރުކޮރެއާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އުތުރު ކޮރެއާއިން އެކްސްޕޯޓްކުރާ މުދަލުގެ ވިޔަފާރީގެ 75 ޕަސެންޓް ހިއްސާކުރަނީ ޗައިނާއިންނެވެ. އަލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ޗައިނާއަށް އުތުރުކޮރެއާގެ އަމަލުތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ މައްސަލަވެސް އިތުރަށް ގޯސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޗައިނާގެ ކައިރީގައި އެމެރިކާއިން ބެހެއްޓުމަށް ތައްޔާރުވަމުންދާ މިސައިލް ޑިފެންސް ސިސްޓަމުގެ މައްސަލައިގައި ޗައިނާއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އުތުރުކޮރެއާއިން ދެމުންގެންދާ އިންޒާރުތަކަކީ އެ މިސައިލް ސިސްޓަމްތައް ބެހެއްޓުމަށް އެމެރިކާއަށް ދެއްކޭނެ ބަހަނާއެކެވެ.

ޗައިނާގެ ވަށައިގެން ހިމެނޭ އެމެރިކާގެ އަސްކަރީ މަރުކަަޒުތައް

ޗައިނާއަށް މިހާރު ކުރިމަތިވެފައިވަނީ އުތުރުކޮރެއާގެ މައްސަލަ އެކަންޏެެއް ނޫނެވެ. އިންޑިއާގެ ސިފައިން ޗައިނާއިން މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދަށް ވަނުމާއި ދެކުނު ޗައިނާގެ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ މިހާރު ދަނީ ނޭވެ ހޮޅިއަށް ވެއްޓެމުންނެވެ.

އިންޑިއާގެ މައްސަލައިގައިވެސް ޗައިނާއިން ދަނީ މަސްރަހު ފިނިކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އަދި ދޭތެރެދޭތެރެއިން އެމެރިކާގެ މަނަވަރުތައް ޗައިނާގެ ކަނޑުގެ ސަރަހައްދަށް ވަންނަ މައްސަލއިގައިވެސް ޗައިނާއިން އަމަލުކޮށްފައިވަނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ.

މަންޒަރު ކިތަންމެ ރީއްޗަށްވެސް ސާފެވެ. އެމެރިކާއިން އެދަނީ ޗައިނާ ވަށާލަމުންނެވެ. އެހެންކަމުން އުތުރުކޮރެއާ އިން ޅައެއްޗެއް އަޅައިފިނަމަ އޭގެ އަސަރު ކިތަންމެ ރަނގަޅަށްވެސް ޗައިނާއަށް ކުރާނެއެވެ.

ދާދިފަހުން ޗައިނާގެ ގްލޯބަލް ޓައިމްސްއިން ބުނެފައިވާ ގޮތުގައި އުތުރުކޮރެއާއިން އިސްވެއޮވެ ހަމަލާދީފިނަމަ ޗައިނާއިން އުތުރުކޮރެއާގެ ދިފާއުގައި ނުނުކުންނާނެއެވެ. ނަމަވެސް އެމެރިކާއިން އިސްވެއޮވެ ހަމާލާދީފިނަމަ ޗައިނާއިން އުތުރުކޮރެއާގެ ދިފާއުގައި ނުކުންނާނެކަމަށް ގޮލޯބަލް ޓައިމްސްއިން ބުންޏެވެ. 1961 ވަނަ އަހަރު ޗައިނާ އަދި އުތުރު ކޮރެއާދެމެދު ވަނީ ދިފާއި ގޮތުން އެއްބަސްވުމެއް ހަދައިފައެވެ،

comment ކޮމެންޓް