ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާގައި މިއަހަރު 60 ތައުލީމީ އިދާރާ ބައިވެރިވާނެ!

މިދިޔަ އަހަރު ބޭއްވި "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާ ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތައުލީމީ ފެއާ، "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ"ގައި މިއަހަރު 60 ތައުލީމީ އިދާރާ ބައިވެރިވާނެ އެވެ.

ރާއްޖޭގެ އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ލަންކާގެ ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (ލެކްސް)އާ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ ފެއާ މިއަހަރު ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

ނަމަވެސް އެ ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ އިންފުލުއެންޒާ ރޯގާގެ ސަބަބުން އެ ފެއާ ލަސްކޮށް މިހާރު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 19 އަށް ދަރުބާރުގޭގައެވެ. ފެއާ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ.

އަސަރީ ސާވިސަސް އިން ބުނީ، މިއަހަރުގެ ފެއާގައި 60 އަށްވުރެ ގިނަ އިންސްޓިޓިއުޓް ބައިވެރިވާއިރު، ރާއްޖޭގެ އިންސްޓިޓިއުޓްތަކުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ތަންތަނުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ އަދި ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ލިބެންހުރި ތައުލީމީ ފުރުސަތުތައްތައް ފެއާ އިން ލިބޭނެއެވެ.

އޭގެ އިތުރުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ބޭނުންވާނެ ކެރިއާ ގައިޑެންސް އަދި ކެރިއާ ކައުންސިލިން އާއި ސްކޮލަޝިޕްތައް ލިބުމުގެ ފުރުސަތު ލިބިގެންދާއިރު، މިދިޔަ އަހަރުވެސް ކުރިއަށްގެންދިޔަ އަދި ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޕާސަނަލިޓީ ޑިވެލޮޕްމަންޓް ވޯކްޝޮޕް މިއަހަރުގެ ފެއާގައި ވެސް ކުރިއަށް ގެންދާނެއެވެ.

ފެއާއަކީ ސާނަވީ އަދި މަތީ ސާނަވީގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ކިޔަވަން ފައްޓަން ބޭނުންވެފައިވާ މީހުންނަށް ހާއްސަ ފެއާއެއް ނަމަވެސް ވަޒީފާތަކަށް ކުރިމަތިލާ މީހުންނާއި ވަޒީފާ އަދާކުރަމުންދާ މީހުންނަށް ވެސް ބައިވެރިވެވޭނެ ވޯކްޝޮޕްތަކެއް ފެއާގެ ތެރެއިން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ބޭއްވި "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ"ގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 50 އަށްވުރެ ގިނަ ކޮލެޖް، ޔުނިވާސިޓީ އަދި ތައުލީމީ އިދާރާތަކުން ބައިވެރިވިއިރު، ފެއާއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިއަހަރުގެ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް