އަދީބަށް ސަލާމަތްވެވޭނީ ދައުލަތަށް ދައްކަން ހުރި ފައިސާ ދެއްކުމުން: ރައީސް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން: އެ ޖަގަހަ ހުޅުވާފައި ވަނީ ފުރުގާން މިސްކިތް ކުރިން ހުރި ސިނަމާލެ ހިޔާ 2 ބިމުގައި، ޖަގަހަ ހުޅުވައިދެއްވީ ރައީސް ޔާމީން: --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލައެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ސަލާމަތްވެވެން އޮތީ ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކެވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ 'ރުމާލު2' ޖަގަހަ ހުޅުވައްދެއްވުމަށް ފަހު ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބަކީ ކުރީގައި އެމަނުކުފާނާ ވަރަށް ގާތް ބޭފުޅެއް ނަމަވެސް ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވެސް އަދީބް ދައްކަވަން ޖެހޭނެ ކަމަށެވެ.

"އަހުމަދު އަދީބް ސަލާމަތް ވާނެ ގޮތަކީ ދައުލަތަށް ދައްކަވަން ހުރި ފައިސާ ފުރަތަމަ ދައްކަވާ ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބެކޭ އެއްގޮތަށް އިދިކުޅު އެހެން ފަރާތްތަކުން ވެސް ދައުލަތަށް ދައްކަވަން ހުރި ފައިސާ ދައްކަން ޖެހޭ ކަމަށާއި އެމަނިފާނުގެ ފަސް އަހަރު ނިމުމުގެ ކުރިން އެ ފައިސާ ދައުލަތަށް ހޯދައިދިނުމަކީ އެމަނިކުފާނު ކަރަން ވަރަށް ބޭނުން ކަމެއް ކަމަށެވެ.

ދައުލަތުން އަދީބު 'ވަގަށް؛ ނަގާފައިވާ ފައިސާގެ ބައެއް ރައީސް ޔާމީނަށް ދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަނބުރު ރައްކާތެރިކުރުމުގެ ގޮތުން ވެސް އަދީބު ނަގާފައިވާ ފައިސާ ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ.

އަދީބު ހިންގަވާފައިވާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލްޒަޖީރާ އިން ނެރުނު 'ސްޓީލިން ޕެރަޑައިސް'ގައި ރައީސްގެ ގެކޮޅަށް ވަދެފައިވާ ފައިސާގެ ވާހަކަތަކަށް އިޝާރަތްކޮށް އެމަނިކުފާނު ވިދަޅުވީ "އަލްޖަޒީރާއަށް ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން އެކަނި. މި ނޫން އެއްވެސް އެއްޗެއް އަލްޖަޒީރާއަކަށް ނުފެނުނު' ކަމަށެވެ.

ގިނަ މެމްބަރުންތަކެއް މަޖިލީހަށް އިންތިހާބުވުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށާއި، އެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

އަދީބްއާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދައްކަވާފައިވާ އިރު މީގެ ކުރިން ރައީސް ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަނެވޭނީ ވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން ކަމަށެވެ.

comment ކޮމެންޓް