ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލަނީ

"ނޭޝަނަލް ކޮންފަރެންސް އޮން ވަޔަލަންސް އެގެއިންސް ޗިލްޑްރަން"ގެ ނަމުގައި މިއަދު ފެށި މަހާސިންތާގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކަމާ ގުޅުންހުރި ދާއިރާތަކުން ކުރެވޭނެ މަސައްކަތްތައް ހިމެނޭ ގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީންނާއި ޔުނިސެފް މޯލްޑިވްސް އިން ފަށައިފިއެވެ.

ކުރިއަށް އޮތް ދެ އަހަރަށް އަމާޒު ކޮށްގެން އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ، "ނޭޝަނަލް ކޮންފަރެންސް އޮން ވަޔަލަންސް އެގެއިންސް ޗިލްޑްރަން"ގެ ނަމުގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދާ މަހާސިންތާގައެވެ.

މަހާސިންތާއާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު އަލީ ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާތަކާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުން އިތުރުކުރާ ވަރަކަށް އެކަމާ ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުން ދަނީ އިތުރުވަމުންނެވެ.

ނަމަވެސް، އަމާޒަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ކަމަށްވާއިރު މިއަދު ފެށި މަހާސިންތާގައި އެކުލަވާލައި އެކްޝަން ޕްލޭންގެ ސަބަބުން ކުޑަކުދިންނަށް ރާއްޖޭގައި ކުރާ އަނިޔާ މަދުވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކްޝަން ޕްލޭން އެކުލަވާލުމަށްފަހު އޭގެ އަނެއް ދުވަހުން ފެށިގެން ވެސް އެކްޝަން ޕްލޭންގައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅައިގެން މަސައްކަތްތައް ފަށާނެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހާސިލް ކުރެވޭ މިންވަރު ބަލާފައި މުރާޖައު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިން މިއަދު ފެށި މަހާސިންތާގެ މަގްސަދަކީ ކުޑަކުދިންނާ ގުޅުންހުރި އެކި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމެވެ.

އެގޮތުން މަހާސިންތާގައި ސަރުކާރު އަދި މިނިވަން މުއައްސަސާތަކާއި ޔުނިސެފްގެ ކަމާބެހޭ ތަޖުރިބާ ކާރުންގެ އިތުރުން ކުންފުނިތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތައް އަދި ޕޭރަންޓް ޓީޗާސް އެސޯސިއޭޝަންތަކުން ޖުމްލަ 59 ބައިވެރިވެރިން ބައިވެރިވެއެވެ.

މިނިސްޓަރު ވިދާޅުވީ، މަހާސިންތާގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން ދީނީ ނަޒަރަކުން ވިސްނާލުމުގެ އިތުރުން މުޖުތަމައު އަދި ރަށު ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި އަލަށް ފާހަގަވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް