ގުއާމަށް ހަމަލާ ދޭނެ ގޮތުގެ ރޭވުން އުތުރު ކޮރެއާގެ ލީޑަރަށް ހުށަހަޅައިފި

އުތުރު ކޮރެއާއިން ވަނީ ތަކުރާރުކޮށް އެމެރިކާއަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފައި -- ފޮޓޯ: އޭއެފްޕީ

ސޯލް (އޮގަސްޓް 15): ޕެސިފިކުގައިވާ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމްއަށް ހަމަލާ ދޭނެ ގޮތުގެ ރޭވުން އުތުރު ކޮރެއާގެ އަސްކަރިއްޔާއިން އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއަށް ހުށަހަޅައިފި ކަމަށް އެގައުމުގެ މީޑިއާއިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭގެ ރިޕޯޓުގައިވާ ގޮތުން ކިމް ޖޮންގް އުން ވަނީ އެ ރޭވުން ބައްލަވައި، އެއާ ބެހޭ ގޮތުން އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވައިފައެވެ. ނަމަވެސް އުތުރު ކޮރެއާއިން ހަމަލާއެއް ދޭނީ އެމެރިކާއިން އަމަލު ކުރާ ގޮތަކުން ކަމަށްވެސް އެރިޕޯޓުގައިވެއެވެ.

ކޭސީއެންއޭ އިން އެފަދައިން ރިޕޯޓުކޮށްފައި ވަނީ އުތުރު ކޮރެއާއިން ގުއާމަށް އެއްވެސް ހަމަލާއެއް ދީފި ނަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ދެއްވި ފަހުންނެވެ. މެޓިސް ވަނީ ކޮރެއާގެ ހަމަލާތަކުން ގައުމު ދިފާއު ކުރަން އެމެރިކާ އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ އަސްކަރިއްޔާގެ މަރުކަޒުތަކުގެ އިތުރުން 160،000 ރައްޔިތުން ދިރިއުޅޭ ގުއާމުގެ ކަނޑުގެ ސަރަހައްދަށް ހަތަރު މިސައިލް ހަމަލާ ދިނުމަށް ރާވަމުންދާ ކަމަށް އުތުރު ކޮރެއާއިން ފުރަތަމަ ބުނީ މިދިޔަ ހަފްތާގައެވެ.

ފާއިތުވި އަހަރު ތެރޭގައި އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ނިއުކްލިއާ އަދި މިސައިލް ޓެސްޓުތައް އިތުރުކޮށްފައެވެ. އެގޮތުން އެގައުމުން ފަސް ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައިވާ އިރު މިދިޔަ މަހު އެގައުމުން ވަނީ ދެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފައެވެ.

އޭގެ ސަބަބުން އެމެރިކާ އާއި އދން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާއަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް